މަދަނީ އަބްދުﷲ އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި

މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ މުޙައްމަދު (މަދަނީ ޢަބްދުﷲ) ޢަދާލަތު ޕާޓީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.
މަދަނީ އަބްދުﷲ އަދާލަތު ޕާޓީއަށް ސޮއިކުރެއްވީ މިއަދު އަދާލަތު ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ޢިލުމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުޙައްމަދު އިޔާޟުއާއި، އިސްތަރުޖަމާން އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން މަދަނީ އަބްދުﷲ ވިދާޅުވީ އަންނަ މަހުގެ 22 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލައްވާނީ އަދާލަތު ޕާޓީ ޓިކެޓުގައި ކަމަށާއި ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލެއްވީ އެދާއިރާގެ ރައްޔިތުން އޭނާ ހޮވަން ބޭނުންވާތީ ކަމަށެވެ.
ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ޑޯޓްޑޯ ކެންޕޭންގެ 75 ޕަސެންޓް ނިމިފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް މިހާރު އެނގިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ ފަރާތުން ނޮޅިވަރަމް ދާއިރާ އަށް ވާދަކުރަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ހދ. ނޮޅިވަރަމް، ދިވެހި، ހުސައިން އަރީފެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވަނީ މާލޭ ދަފްތަރު 1464 އުބައިދުﷲ މުއާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ