އަންނަ އަހަރު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިތިޚާބުތައް ޕީޕީއެމުން ކާމިޔާބު ކުރުމަކީ، 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ "ފަހި 913"ގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެއް ޓީމެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ފަށަންޖެހިފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީނު ގެންނަންޖެހޭ ކަމަށެވެ. ގެންނަންޖެހޭ ސަބަބަކީ ކުރު މުއްދަތެއްގައި މިސަރުކާރުން ހިންގަންފަށާފައިވާ، ރައްޔިތުންނަށް ފައިދާހުރި ބިއަ މަޝްރޫއުތައް ކަމަށެވެ. އެގޮތުން ބްރިޖު އެޅުމުގެ މަޝްރޫއާއި ހައްދުންމަތީ ބޮޑު މަގުގައި ތާރުއެޅުމާއި މިހާރުވެސް ފަށާފައިވާ ގެދޮރު އެޅުމުގެ ބިޔަަ މަޝްރޫއުތަކަކީ މިހައި އަވަހަށް ހިންގިދާނެ ކަމަށް ގިނަ ބައަކު ޤަބޫލުވެސް ނުކުރާ ބިޔަ މަޝްރޫއުތަކެއް ކަމަށެވެ.
ރައްޔިތުންގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން ކަމަށާއި ވިއްސާރައާއި ގުޅިގެންވެސް ހުރިހައި ރަށެއްގެ ހާލު އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
2018 ކާމިޔާބުކުރުމަށް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުތައް ކާމިޔާބުކުރަންޖެހޭ: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ