ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތަށް އައްޑޫ ރައްޔިތުން ކުރާ އުންމީދު ހަގީގަތަކަށް ހައްދާނަން: ހެލްތު މިނިސްޓަރު

ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތަށް އައްޑޫ ސިޓީ ރައްޔިތުން ކުރާ އުންމީދު ހަގީގަތަކަށް ހައްދަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން އައްޑޫއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅުގައި އައްޑޫސިޓީ ޓާޝަރީ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، އައްޑޫއަށް ޓާޝަރީ ފެންވަރުގެ ސިއްޙީ ޚިދްމަތް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި، އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުގައި ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިހޮސްޕިޓަލުން ރައްޔިތުން އުންމީދުކުރާ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށާއި، އުންމީދު ކުރަނީ އެފަދަ ހޮސްޕިޓަލަކަށް ވެގެންދިއުން ކަމަށެވެ. ނަމަވެސް ދުރުމުސްތަގުބަލަކަށް ވިސްނާއިރު އައްޑޫގެ ޓާޝަރީ ހޮސްޕިޓަލުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އެހެން ހިސާބުތަކުން އައްޑުސިޓީއަށް ޚިދުމަތް ހޯދުމަށް މީހުންނަށް އާދެވޭނެ ވިސްނުމަކުން މިހާރުންސުރެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަށްވުރެ އަވަހަށް މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ