އަބްދުﷲ ގާާޒީ ހައްޔަރުކުރުމުގައި ބައިވެރިނުވަން: ރައީސް ނަޝީދު

2012 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގައި، ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އެމަނިކުފާނުގެ އަތެއް ނޯންނާނެކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިއްވާފައިވާ ތޭރަ އަހަރުގެ ޖަލުހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި، މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެމަނިކުފާނު ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އެކަން ކޮށްފައިވަނީ އެމްއެންޑީއެފްގެ ފަރާތުން ކަމަށެވެ.
ޝަރީއަތުގައި ވަކާލާތުކުރައްވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވަނީ މުހިންމު ނުކުތާއެއް ފާހަގަކުރައްވާފައެވެ. އެއީ  އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދު ބައިވެރިވި ކަން ދައުލަތަށް އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދެވިފައި ނުވާކަމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލަމުންދަނީ ތިން ފަނޑިޔާރުންގެ ބެންޗެއްގެ ދަށުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުރުންކަމަށް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގަައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ