ރައްޔިތުން މިސަރުކާރު އުފެއްދީ ދިވެހީންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް: ރައީސް

ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މި ސަރުކާރު އުފެއްދީ ދިވެހީންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ ހިމާޔަތް ކޮށްދިނުމަށްކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވާއިރު، އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި، ރައްޔިތުން މި ސަރުކާރާ މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން ހަނދުމަފުޅު ނެތިގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ، ރައްޔިތުންގެ އިންސާނީ ޙައްޤުތައްކަމަށާއި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދެމިއޮންނާނީ، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”އަބުރުވެރި ތާހިރު ދިރިއުޅުމަކަށް ހުރަސްއަޅާ ނަމަ، އެ ޙައްޤު ހޯދުމަށް ތެދުވަން ޖެހޭނެ. އުޖާލާ ކުރިމަގަކަށް ކުރާ އުންމީދަށް، ފަނޑު ނަމަވެސް ހިޔަންޏެއް އެޅިއްޖެ ނަމަ، އެ ޙައްޤުގެ ދިފާޢުގައި ވަކާލާތު ކުރަންޖެހޭނެ. ޢަދުލު އިންޞާފުގެ ޙައްޤުން މަޙްރޫމް ކުރެވޭ ނަމަ، އެ ޙައްޤު ކަށަވަރު ކުރުމަށް ގަދައަޅައި މަސައްކަތް ކޮށް އަޑުއުފުލަންޖެހޭނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށާއި، ކޮންމެ ޤައުމެއްގެ ވެސް ޙަޤީޤީ މިނިވަންކަމަކީ ރައްޔިތުންގެ މިނިވަންކަން ކަމަށެވެ. މިނިވަންކަމުގެ ޙަޤީޤީ މާނައަކީ، ވީ ކޮންމެ ތަނެއްގައި އަދި ވީ ކޮންމެ ޙާލެއްގައިވެސް، އިންސާނީ ޙައްޤުތަކުގެ ސިޔާދަތު ދެމިއޮތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
”މިފަދަ ކަންކަން ބަލައި ދިރާސާ ކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން ނިންމާފައިވަނީ ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިނުކުރާ ”ޕާޝަލީ ފްރީ“ ޤައުމެއްގެ ގޮތުގައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ސަރުކާރުގައި، ޖަލުތަކުގައި ވިޔަސް އަދި އެނޫން ތަންފީޒީ އިދާރާއެއްގެ ތެރޭގައި ވިޔަސް، އިންސާނީ ކަރާމާތްތެރިކަމާއި އިންސާނީ ޙައްޤުތައް ނިގުޅައިގަންނާކަށް ފުރުސަތެއް ނުދެވޭނެ. މިވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެގޮތުގެ މަތީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިންސާނީ ޙައްޤުތަކާގުޅޭ ޤައުމީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، ޤައުމީ އެކިއެކި އިދާރާތަކާއެކު މަޝްވަރާކުރެވި މި އޮނިގަނޑު އެކުލަވާލުމަށްފަހު މި އޮނިގަނޑު ތަންފީޒުކުރެވެން ފެށުމަކީ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ތަރައްޤީއާ ނުލައި، ޞުލްހަމަސަލަސްކަން ދެމިއެއް ނޯންނާނެ. ޞުލްހަމަސަލަސްކަމާ ނުލައި، ތަރައްޤީ ދެމިއެއް ނޯންނާނެ. ހަމައެފަދައިން ދާއިމީ ޞުލްޙަ އާއި ދެމެހެއްޓެނިވި ތަރައްޤީއަކީ، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން މެނުވީ ޙާޞިލުކުރެވޭނެ ކަންކަމެއް ނޫން. އެންމެ މީހެއްގެ ވިޔަސް، ޙައްޤުތައް ނުރައްކަލަށް ހުށަހެޅިއްޖެ ނަމަ، އެންމެންގެ  ޙައްޤުތައް އެވަނީ ނިގުޅައިގަނެވިފައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރައްވަން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅުދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ