"މިނިވަން އިއްތިހާދު"ގެ ނަމުގައި ހަތަރު ސިޔާސީ ޕާޓީއަކުން ކޯލިޝަން ހަދައިފި

"މިނިވަން އިއްތިހާދު"ގެ ނަމުގައި ހަތަރު ސިޔާސީ ޕާޓީއަކުން ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ނިންމައިފި އެވެ.
ސިޔާސީ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފައިވާ ހަތަރު ޕާޓީއަކީ ޕީޕަލްސް ޕާޓީ އާއި އެމްއެސްޑީޕީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަދި އައިޑީޕީ އެވެ.
"މިނިވަން އިއްތިހާދު"ގައި ހިމެނޭ ޕީޕަލްސް ޕާޓީ[ ޕީޕީ]ގެ ރައީސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ ހަތަރު ޕާޓީއަކުން ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ނިންމީ "މެދު މިނެއްގައި" ސިޔާސީ ހަރަކާތްތައް ހިންގައި ރައްޔިތުނަށް ހަގީގަތް ހަމާ ކޮށްދިނުމަށެވެ. އަދި ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި "މިނިވަން އިއްތިހާދުން" ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ކޯލިޝަން ހެދި ހަތަރު ޕާޓީ ގުޅިގެން ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް،" އޭނާ ވިދާޅުވި އެވެ.
އަދި ސިޔާސީ ހަރަކާތްތަކުގައި އެ ހަތަރު ޕާޓީ ބައިވެރިކުރުވުމުގައި ސަރުކާރުން ވެސް އިހުމާލުވެފައިވާ ކަމަށާއި މިހާރު މި އޮތް ސަރުކާރަކީ "ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް" ކަމަށް އެ ހަތަރު ޕާޓީން ގަބޫލު ނުކުރާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"އޯލް ޕާޓީ ޓޯކްސްގައި ކުޑަ ޕާޓީތައް ސަރުކާރުން ބައިވެރިއެއް ނުކުރޭ. އެކަމު މި ކިޔަނީ ހުރިހާ ޕާޓީތަކާ ވާހަކަ ދެއްކައިގެން ކުރިއަށް ގެންދާ މަޝްވަރާތަކެއް ކަމަށް. ދެން މިހާރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އެ ވިދާޅުވަނީ އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރަނީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކަމަށް. ދެ ތިން ޕާޓީ އެކުވެގެން އެކުލަވާލެވޭ ޕާޓީތަކަކީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކަމަށް ގަބޫލެއް ނުކުރެވޭ. މިނިވަން އިއްތިހާދުން އެކަން ގަބޫލެއް ނުކުރޭ." އޭނާ ވިދާޅުވި އެވެ.
އަދި އަވަސް އިންތިހާބަކަށް ދިއުމާ ގުޅޭ ގޮތުން ރައްޔިތުން ބޭނުންވާ ގޮތް ބަލައި އެ ގޮތަށް މިނިވަން އިއްތިހާދުން މަސައްކަތް ކުރާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
މިނިވަން އިއްތިހާދުގައި ހިމެނޭ އެ ހަތަރު ޕާޓީގެ ތެރެއިން ބައެއް ޕާޓީތައް އުފެއްދެވި ބޭފޫޅުން މިހާރު ތިއްބެވީ ޕާޓީން ވަކި ވަޑައިގެންނެވެ. އަދި މިހާރު އެ ޕާޓީތައް ހިންގަމުން ގެންދަނީ އެ ޕާޓީތަކުގެ އެހެން ބޭފުޅުންނެވެ.
އަށާރަސަތޭކަ މެންބަރުން ތިބި ޕީޕީ ހިންގަމުންދަނީ އެ ޕާޓީ އުފެއްދެވި މުހައްމަދު ރިޔާޒެވެ. އަދި 1976 މެންބަރުން ތިބި އެމްއެސްޑީޕީގެ ރައީސަށް މިހާރު ވެސް ހުންނެވީ ރީކޯ އިބްރާހިމް މަނިކެވެ.
އެހެން ނަމަވެސް އައިޑީޕީ އުފެއްދެވި ޕީޕީއެމްގެ މިހާރުގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު އެ ޕާޓީން ވަކިވެވަޑައިގަތުމާ އެކު 3597 މެންބަރުންނާ އެކު މިހާރު އެ ޕާޓީ ހިންގަމުންދަނީ އެ ޕާޓީގެ މާލޭ ދާއިރާގެ ރައީސް އަހުމަދު އިނާޒެވެ. އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ ނައީމް) އުފެއްދެވި ނެޝަނަލް ކޮންގްރެސް 1536 މެންބަރުނާ އެކު މިހާރު ހިންގަމުންދަނީ އެ ޕާޓީގެ ނައިބު ރައީސް އަލީ އަމްޖަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ