މިއުޒިކް ވީޑިއޯ 'ކާންޓާ ލަގާ'އިން މަޝްހޫރުވި ޝެފާލީ މަރުވެއްޖެ
މަޝްހޫރު ޑީޖޭ ޑޯލް ރިމިކްސް އަލްބަމްގެ މިއުޒިކް ވީޑިއޯ ލަވަ 'ކާންޓާ ލަގާ'އިން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ މޮޑެލް އަދި ބަތަލާ ޝެފާލީ ޖާރިވާލާ މަރުވެއްޖެއެވެ. ކަލަސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' 13 ވަނަ ސީޒައިން ފެނުނު ބަތަލާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހި ރޭގެ މެންދަމެވެ. އުމުރުން 42 އަހަރުގެ ބަތަލާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވަލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ބަތަލާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވީ ނަމަވެސް ބަތަލާގެ މަރާ ގުޅޭ ގޮތުން އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަތަލާ ޝެފާލީ ފިރިމީހާ ޕަރަހް ތިޔާގީއާ އެކު--ފޮޓޯ/އިންޑިއާޓީވީ ޝެފާލީގެ ކުއްލި މަރާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ހިތާމަފާޅުކޮށް ތައުޒިއްޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ބައެއް ޓެލެވިޒަން ތަރިންނާ އެކު ވެސް މަސައްކަތްކޮށްފައިވާ ޝެފާލީގެ މަރުގެ ޚަބަރު ލިބުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ސްޓާ ޕްލަސްއިން ގެނެސްދިން ޑާންސް ޝޯ 'ނަޗް ބަލިޔޭ 5'ގައި ފިރިމީހާ ޕަރަގް ތިޔާގީއާ އެކު ޝެފާލީ ފެނިފައިވާއިރު އޭނާ ވަނީ ބައެއް ވެބް ސީރީސްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި 2018 ވަނަ އަހަރު ރިލީޒްކުރި "ބޭބީ ކަމް ނާ" ހިމެނެއެވެ. ޝެފާލީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ސްޓާ ބާރަތުއިން ގެނެސްދިން ރޮމޭންޓިކް ހޮރޯ ފެންޓަސީ ޑްރާމާ "ޝައިތާނީ ރަސްމޭ" ކިޔާ ސީރީސްއަކުންނެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ، ޝެފާލީގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ރަސްމީ ބަޔާނެއް ނެރޭނެ ވަގުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ