5 އަހަރު ތެރޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފައްދަން އަމާޒެއް

ކުރިއަށް އޮތް ފަސް އަހަރު ތެރޭ، ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހަދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިފަދައިން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ ތިމާވެށީގެ ސަމިޓު، ކޮޕް28 ގައި ތަގުރީރު ކުރައްވަމުންނެވެ.
ތަފްސީލް - ރައީސްގެ ވާހަކަފުޅުގައި ވަނީ، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގެ އިލްތިމާސަށް އިޖާބަދީ، އެކަން ހާސިލް ކުރަން އެމަނިކުފާނުގެ ސަރުކާރުން ރާވާފައިވާ ގޮތް ވިދާޅުވެދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - "... އަޅުގަނޑުގެ ސަރުކާރުން މި އަމާޒު ހިފަނީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 ފުއްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރަން،" ރައީސް ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ %4 ގައި ކަމަށާއި %33ގެ ލަނޑުދަނޑި ހާސިލްކުރުމަށް 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިކަން ވާން ހަމައެކަނި މި އޮތީ، ތިޔަ ބޭފުޅުންގެ އެހީތެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ މާލީ ކަންކަން ހިނގާ އުސޫލާއި އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.
މީގެ ކުރީން ދުވަހަކު ވެސް ނާންނަހާ ހަލުވިމިނެއްގައިި މޫސުމަށް ބަދަލު އަންނަމުންދާއިރު، ވަކި ހަމަތަކަކާއި ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކުރެވެން ނެތްކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ފައިސާގެ ގާބިލްކަމާއި ކަން ކުރެވޭނެ ގާބިލްކަން ވަޒަންކޮށްކޮށް ތިބޭކަށް ވަގުތެއް ނެތް. ފައިސާ ލިބޭނެ ގޮތްތައް ފަސޭހަވާން ޖެހޭ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖައާކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑޭމަޖް ފަންޑު'ގެ ބޭނުން ހިފަން ފަށައިގަތުމަށް ގައުމުތަކުން އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ