ސިޔާސީ މަސައްކަތް ކުރަންވާނީ ގައުމުގެ މަންފާއަށް، ސަރުކާރު ބަލިކުރާކަށް ނޫން: ވަހީދު

ސިޔާސީ މަސައްކަތް ކުރަން ވާނީ ގައުމުގެ މަންފާއަށް ކަމަށާއި ސަރުކާރު ބަލިކުރަން ނޫން ކަމަށް ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ކުރީގެ ރައީސް ވަހީދު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެކި ދުވަސްވަރަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެ ފަދަ ދަނޑިވަޅުތަކުގައި އެންމެން 'އެކަތިގަނޑަކަށް' ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ކަހަލަ ދަނޑިވަޅުތަކުގައި ބައިބައިވުމުން މަންފާ ނަގާނީ ބޭރުގެ ފަރާތްތަކުން ކަމަށް ވަހީދު ވިދާޅުވިއެވެ. އެ ގޮތުން، އެ މީހުން މަސައްކަތްކުރާނީ ރާއްޖޭގައި ތަފާތު އުފައްދައި، އެ ކަމުން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކަމަށް ވަހީދު ގަބޫލުކުރައްވައެވެ. އެހެންވީމާ އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތްތައް ހުންނަންވާނީ އެ ވަގުތު އޮންނަ ސަރުކާރެއް ބަލިކުރުމަކަށް ނޫން. މިއީކީ ތަޅާފޮޅުމެއް ކަމަށް އަބަދު ދެކިގެން ނުވާނެ، ކުރީގެ ރައީސް މުހައްމަދު ވަހީދު އެ މަނިކުފާނު ވިދާޅުވީ، ސަރުކާރެއް އިންތިޚާބުވެ، ކާމިޔާބުކަމާ އެއްކޮށް ކުރިއަށް ދިޔުމުން ފައިދާ ވާނީ ރައްޔިތުންނަށް ކަމަށެވެ. އެކަމަކު، ގިނަ ފަހަރަށް މަސައްކަތް ކުރެވެނީ ސަރުކާރު ބަދަލުކުރުމަށްޓަކައިކަން ވަހީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދާއި ރައީސް ޑރ. ވަހީދު އެކުގައި: ވަހީދު ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަންވާނީ ގައުމުގެ މަންފާއަށް ކަމަށް --- ފޮޓޯ/ މަޖިލިސް އިދިކޮޅުގެ މަސައްކަތަކީ ކޮންމެ ގައުމެއްގައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި އިދިކޮޅު ފަރާތްތައް ނެތުމަކީ ޑިމޮކްރަސީ ހީނަރުވާ ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޑިމޮކްރެސީ ކުރަން ޖެހޭ ވަރަށް މުހިންމު މަސައްކަތެއް ސަރުކާރު ޒިންމާދާރު ކުރުވުން. ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އެންމެ މުހިންމު އެއް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. މަޖިލީހުގައި ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމާއި އެ ފަރާތްތަކަށް ނަސޭހަތްތެރިވުން ވެސް އެއީ އޮތްކަމެއް، ކުރީގެ ރައީސް މުހައްމަދު ވަހީދު އެހެންނަމަވެސް، ސަރުކާރުން ކުރާ ކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުމަކީ 'މެޗުއާޑް' ޑިމޮކްރަސީއެއްގައި ކަންކަން އޮންނަންވާނެ ގޮތެއް ނޫން ކަމަށް ވަހީދު ގަބޫލުކުރައްވައެވެ. އެ މަނިކުފާނު ވަނީ އިންތިޚާބުތަކުގައި ސިޔާސީ ފަރާތްތަކުން އަމަލުކުރަންވީ ގޮތް ކިޔައިދެއްވާފައެވެ. އެ ގޮތުން، އިންތިޚާބުތައް ނިމުމަށް ފަހުގައި ވެސް ސިޔާސީ ފަރާތްތަކުން އެކުގައި މަސައްކަތްކޮށް، އެ ބައެއްގެ ސިޔާސަތު ރަނގަޅުކަން ރައްޔިތުންނަށް ހާމަކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން "ވެރިކަން ބަލިކުރަން" އުޅޭކަމުގެ ތުހުމަތު ދޭތެރެއަކުން ކުރެވެއެވެ. އެ ގޮތުން، މި ސަރުކާރުގެ ކުރީކޮޅު އެމްޑީޕީން މި ސަރުކާރު 'ވައްޓާލަން' އުޅުނުކަމަށް ވެސް ތުހުމަތުކުރިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ވަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. އެ ވެރިކަން ފެބްރުވަރީ 7، 2012 ގައި ވެއްޓުމާ އެކު އެކަމުގައި ވަހީދުގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ އެމްޑީޕީން ވަރަށް ބޮޑަށް އެ މަނިކުފާނަށް ފާޑުކިއެވެ. އެކަމަކު، އެ ތުހުމަތުތައް ވަހީދު ދޮގުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ