ރޯކޮށްލި މަތިކިޅި އަލުން މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި
އައްޑޫ ސިޓީ، މީދޫގައި ހިމާޔަތްކުރެވިފައިވާ 'މަތިކިޅި'ގައި ރޯކޮށްލުމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށްހެން އަނދައިފައިވާއިރު، އަލުން އެ ސަރަހައްދު މަރާމާތުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މަތިކިޅީގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:37 ހާއިރުއެވެ. އޭރު ބަޔަކު ގަސްތުގައި ރޯކުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ތުހުމަތުކޮށްފައިވެއެވެ. އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މަތިކިޅި މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި މަހުގެ 25ވަނަ ދުވަހު އެ ކައުންސިލް އިދާރާގައި އެކަމާ ގުޅޭ ބީލަން ހުޅުވުން އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މަތިކިޅީގައި ރޯވުން: ދެބައިކުޅަ އެއްބައި އަނދައި, 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން --- ފޮޓޯ/ އީމާން އަބްދުﷲ އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ އެ ބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަނިކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި އަހަރު އެކަނިވެސް މަތިކިޅީގައި އެކިފަހަރު މަތިން ރޯކޮށްލި ކަމުގެ ތުހުމަތުކޮށްފައިވެއެވެ. އަދި އެ މައްސަލަ ބެލުމަށް ކައުންސިލުންނާއި އިކޯ ގާޑަން ސޮސައިޓީން އެދިފައިވެއެވެ. މީގެކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ މަތިކިޅީގައި ގަސްތުގައި ބަޔަކު ރޯކުރަނީކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައިފައެވެ. އެ ގޮތުން މިދިޔަ މާރިޗު 19ގައި ވެސް މަތިކިޅީގައި ވަރަށް ބޮޑަށް ރޯވެގެން އެ ތަނުގެ ދެބައިކުޅަ އެއްބައި އަނދައިހުލިވެގެންދިޔައެވެ. މިއީ 15 އަހަރު ތެރޭ ލިބިގެންދިޔަ އެންމެ ބޮޑު ގެއްލުން ކަމަށް އިކޯ ގާޑެން ސޮސައިޓީން ބުންޏެވެ. އެ ހާދިސާގައި އަނދައި ހުލިވެގެންދިޔަ އެ ތަނުގެ ގްރާސް ފީލްޑް، ހަ މަސްދުވަހުގެ ތެރޭގައި ރިކަވާވާނެ ކަމަށް އެ މީހުން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ