ބިޓްކޮއިންގެ އަގު މައްޗަށް، އެހެން ކޮއިންތައް އަދިވެސް ދަށަށް!
ކްރިޕްޓޯ މާކެޓަށް މި ހަފުތާގައި ކުރިމަތިވި ބޮޑެތި ހަލަބޮލިކަމަށްފަހު، މާކެޓު ހަމައަކަށް އެޅެމުން އަންނައިރު، އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ، ބިޓްކޮއިންގެ އަގު ކޮންމެވެސް ވަރަކަށް މައްޗަށް ޖެހިލައިފިއެވެ. ފާއިތުވި ހަފުތާގައި ބިޓްކޮއިންގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް، މިހާރު މި ފެންނަނީ އަގު ރަނގަޅުވުމުގެ ކުޑަ ނިޝާންތަކެކެވެ. ނަމަވެސް، މާކެޓުގެ ބޮޑު ބައެއްގައި ހިމެނޭ އެހެނިހެން ކޮއިންތަކުގެ (އޯލްޓްކޮއިންތަކުގެ) އަގުތައް އަދިވެސް ދަނީ ދަށަށެވެ. https://sun.mv/212571 ބުރާސްފަތި ދުވަހުގެ މައުލޫމާތުތައް ދައްކާގޮތުން، ބިޓްކޮއިންގެ އަގު މިވަގުތު ހުރީ 103,400 ޑޮލަރާ ގާތުގަައެވެ. މިއީ ހަފްތާގެ ކުރީކޮޅު، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ބިޓްކޮއިންގެ އަގު 100,000 ޑޮލަރުގެ މުހިންމު ލިމިޓަށްވުރެ ދަށަށްވެއްޓުމަށްފަހު އަލުން އަރަން ފެށި އަގެކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބިޓްކޮއިންގެ އަގު 1.2 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ. މާކެޓުގައި ދެވަނައަށް އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ ކަމަށްވާ އެތީރިއަމްގެ އަގަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެތީރިއަމްގެ އަގު 2.26 އިންސައްތަ އަރައި، މިހާރު ޓްރޭޑް ކުރެވެމުން ދަނީ ގާތްގަނޑަކަށް 3,400 ޑޮލަރުގައެވެ. މީގެ ކުރިން އެތީރިއަމްގެ އަގު ވަގުތީ ގޮތުން 3,100 ޑޮލަރަށްވުރެ ދަށަށް ދިޔައެވެ. ބިޓްކޮއިން އާއި އެތީރިއަމްގެ އަގު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް، މާކެޓުގެ ގިނަ އޯލްޓްކޮއިންތަކަށް ދިމާވެފައިވާ ޕްރެޝަރަކަށް ލުޔެއް ލިބިފައެއް ނުވެއެވެ. މާކެޓު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިއީ މާކެޓުގެ އަގުތައް މައްޗަށް ދިއުމުގެ ކުރިން އަންނަ "ކަރެކްޓިވް ފޭސް" އެއް ނުވަތަ އަގުތައް ހަމަޖެހުމުގެ މަރުހަލާއެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އޯލްޓްކޮއިންތަކުގެ ތެރެއިން ބައިނޭންސް ކޮއިން 8.5 އިންސައްތަ ދަށަށް ގޮސް 942 ޑޮލަރަށް އަގު ހެޔޮވެފައިވާއިރު، ސޮލާނާ ގެ އަގު ވަނީ 11.3 އިންސައްތައިގެ ބޮޑު ދަށްވުމަކާއެކު 156 ޑޮލަރަށް ވެއްޓިފައެވެ. މީގެ އިތުރުން ޑޯޖްކޮއިން ހަތް އިންސައްތަ އަދި އެކްސްއާރްޕީ 7.2 އިންސައްތަ ދަށަށް ގޮސް، އެ ކޮއިންތަކުގެ އަގު ވަނީ 0.16 ޑޮލަރަށާއި 2.23 ޑޮލަރަށް ދަށްވެފައެވެ. ކޮއިންސްވިޗް މާކެޓްސް ޑެސްކުން ބުނާ ގޮތުގައި މާކެޓަށް މިފަދަ ޕްރެޝަރެއް ކުރިމަތިވުމުގެ މައިގަނޑު ތިން ސަބަބެއްވެއެވެ. އޭގެތެރޭގައި އެމެރިކާގެ ޓްރެޜަރީގެ ފައިދާގެ ރޭޓުތައް މަތިވުމާއި، ބޮޑެތި ލޯންގް ޕޮޒިޝަންތައް ލިކުއިޑޭޓްވުމުގެ އިތުރުން، ބޮޑެތި ބޭންކުތަކުން މާކެޓުގެ ނުރައްކާތެރިކަން އިތުރުވެފައިވާކަމަށް ދެމުންދާ އިންޒާރުތައް ހިމެނެއެވެ. މުޑްރެކްސްގެ ސީއީއޯ އެޑުލް ޕަޓޭލް ވިދާޅުވީ، މާކެޓުގެ ކުރު މުއްދަތުގެ މިސްރާބު ބިނާވެފައިވަނީ ދުނިޔޭގެ އިގްތިސާދީ މައި ކަންކަމުގެ މައްޗަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބިޓްކޮއިންގެ އަގު 103,300 ޑޮލަރުގައި ހިފެހެއްޓިފައިވާއިރު، އަގު މައްޗަށް ދިއުމަށް ކުރިމަތިވާނެ އެންމެ ވަރުގަދަ ހުރަހަކީ 105,700 ޑޮލަރުގެ ލިމިޓެވެ. އަދި 100,000 ޑޮލަރުގައި ވަރުގަދަ ސަޕޯޓެއް ނުވަތަ ބާރެއް އުފެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާކެޓުގެ ހާލަތު އަދިވެސް ހަމައަކަށް އެޅިފައިނުވި ނަމަވެސް، އިންވެސްޓަރުން ދަނީ އުންމީދު އާކުރަމުންނެވެ. އެމެރިކާގެ ވަޒީފާ ނެތް މީހުންގެ އަދަދުތަކާ ބެހޭ ރިޕޯޓާއި، ކްރިޕްޓޯ ގާނޫނާ ގުޅޭގޮތުން އަންނަ ހެޔޮ ޚަބަރަކާއެކު މާކެޓަށް އިތުބާރު އަލުން އައިސް، ބިޓްކޮއިންގެ އަގު އަނެއްކާވެސް މައްޗަށް ދާން ފަށާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ