އައު އަހަރެއް ފެށޭއިރު އެންމެ ބޮޑު ހިތާމައަކީ ފަލަސްތީނު މުސްލިމުންގެ ނިކަމެތި ހާލަތު: ގާސިމް

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 21,800އަށް ވަނީ އަރާފައެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އައު އަހަރެއް ފެށޭ އިރު މުސްލިމު އުންމަތަށް ދިމާވެފައިވާ އެންމެބޮޑު ހިތާމައަކީ ނުހަނު ބޮޑު ތަކުލީފާއި ނިކަމެތިކަން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ މުސްލިމުންގެ ހާލަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނަށާއި ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރޭ މެންދަމުން އަލިވާން ކައިރިވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވައި ގާސިމްގެ ޓްވީޓްގައި ވިދާޅުވީ ޔަހޫދީންގެ ޖައްބާރު ސިފައިންގެ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުވެ ދިޔައީ ކުށެއްނެތް އެތަކެއް ހާސް ފުރާނަ ކަމަށެވެ.  "ޝަހީދުވެ ދިޔަ ކުށެއްނެތް އެތަކެއް ހާސް ފުރާނައެވެ. ގެދޮރުގެއްލި ހާލުގައިތިބި އެތަކެއް މިލިއަން މުސްލިމުންނެވެ. މަރުވެދިޔަ އެތަކެއް ހާސް ކުޑަކުދީންނެވެ. އެހެންކަމުން މި ފެށުނު އާއަހަރު ފަލަސްތީން ގެ މުސްލިމުންގެ މަތީން ހަނދާންކޮށް ސިހުޔޫނީންގެ ނުބައިކަމުން ގުދުސްގެ ބިން ރައްކާތެރިކުރައްވާ ފަލަސްތީން ގެ ރައްޔިތުންނަށް އަމާންކަމާ ކާމިޔާބު މި އަހަރު މިންވަރު ކުރައްވުން އެދި ﷲ ތައާލާގެ ހަޒުރަތުގައި ދުއާ ދަންނަވަން...،" ޓްވީޓްގައިވެ އެވެ. ގާސިމް ވަނީ މި އަހަރުގައި ދިވެހީންނަށް އުފާވެރިކަމާއި އިތުރު ކުރިއެރުމާއި ކާމިޔާބީ އާއި ތަރައްގީ މިންވަރު ކުރައްވައި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި ކުލުނާއި ލޯބި ދިވެހީންގެ މެދުގައި އިތުރުކޮށްދެއްވުމަށް އެދިވަަޑައިގެންފަ އެވެ.ގައްޒާގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 21,800 އަށް އަރަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޒަހަމުކޮށްލާފައިވާ މީހުންގެ އަދަދު 56,400 އަށް އަރާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ