ކުޑަކުދިންގެ ދުވަހުގެ ޚާއްސަ ފެސްޓިވަލް ފަށައިފި، ހަވާ އެރުވުން މާދަމާ ރޭ

ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އުފާ ފެސްޓިވަލް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. އުފާ ފެސްޓިވަލަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލް ބާއްވަނީ ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހުޅުމާލޭ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. ފެސްޓިވަލް ކުރިއަށްދަނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު، ހަވީރު 4 ގަޑި ސުންމިނެޓުން 6 އަށް އަދި ރޭގަނޑު 8އިން 10އަށެވެ.
އުފާ ފެސްޓިވަލް ފައްޓަވާދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމެވެ. ފެސްޓިވަލް ފައްޓަވާދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުޑަކުދިންގެ ދުވަހެއް ކުލަގަދަކޮށް ފާހަގަކުރުމުގެ ބޭނުމަކީ އެކުދިންނަށް ލިބިންޖެހޭ ޙައްޤުތަކާއި މުޖުތަމަޢަކަށް ކުޑަކުދިން މުހިންމުކަން އަންގައިދީ، މި ކަންކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުން ކަމަށެވެ. އަދި އެކުދިންނަށް ބޭނުންވާ އަޅާލުމާއި ލޯބި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް އަމާޒުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކުޑަކުއްޖެއްގެ ޙައްޤަށް އުނިކަމެއް އައުމުގެ ކުރިން އެކަން ދެނެގަނެ، ހިތާމާގައި އުޅޭ ޢާއިލާތަކަށް އެހީތެރިވާންޖެހޭ. މިކަން ކުރެވޭނީ ޢާއިލާއަކާ ގައިތުން މަސައްކަތްކޮށްގެން." ވަޒީރު ވިދާޅުވިއެވެ.
އުފާ ފެސްޓިވަލުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. އަދި ކާބޯތަކެތީގެ ސްޓޯލްތައްވެސް ފެސްޓިވަލުގައި ބަހައްޓާފައިވެއެވެ.
ފެސްޓިވަލް މިއަދު ފަށާފައިވާއިރު ގިނަ އަދަދެއްގެ ކުޑަކުދިން ފެސްޓިވަލަށް ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ފެސްޓިވަލަށް ޒިޔާރަތްކުރި ބައެއް ކުދިން ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާފައެވެ. އެކުދިން ބުނީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާތީ ވަރަށް އުފާވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާވޭ މިއަދު. ހުރިހާ ކުދިންނަށް ބުނެލަން ބޭނުންވަނީ އުފާވެރި ކުޑަކުދިންގެ ދުވަހަކަށް އެދެމޭ." ކުއްޖަކު ބުންޏެވެ.
މީގެ އިތުރުން މި ފެސްޓިވަލުގައި ގުރުއަތު ލައި، ގުރުއަތުން ހޮވޭ ކުދިންނަށް އިނާމް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ފެސްޓިވަލުގައި ބައިވެރިވާ ކުޑަކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ކުދިންނަށް ތަފާތު ބާވަތްތަކުގެ އިނާމްތައް ކަނޑައަޅާފައިވެއެވެ. ހަމައެއައިއެކު ފެސްޓިވަލް ބާއްވާ ފަހު ދުވަސްކަމަށްވާ 11 ވަނަ ދުވަހުގެ ރޭ މޫވީ ނައިޓެއްގެ އިތުރުން ހަވާއެރުވުން އޮންނާނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ