މިނިވަންކަމަށް ގޮންޖަހަންޏާ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އިރާން

އިރާނުގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރައްކާވެއްޖެ ހާލަތެއް ކުރިމަތި ކުރުވާނަމަ ނިއުކުލިއަރ ހަތިޔާރު އުފައްދާނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އިރާނުން ގެންގުޅޭ އަސްކަރީ ވިސްނުން ބަދަލުކުރަން ޖެހިދާނެ ކަމަށް އިރާނުގެ އެންމެ މަތީ ލީޑަރުގެ އެޑްވައިޒަރު ވަނީ ވިދާޅުވެފައެވެ. އިރާނުގެ ސްޓޫޑެންޓް ނިއުސް ނެޓްވޯކުން އެ ގައުމުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު ކަމާލް ޚަރްރާޒީއާ ހަވާލާދީ ބުނެފައި ވަނީ އަދި ނިއުކްލިއާ ބޮމެއް އުފައްދަން ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް އިރާނުގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އަސްކަރީ ވިސްނުން ބަދަލުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
އިރާނުން ބޭނުން ވަނީ ސުލްހަވެރި ކަމާއި މިނިވަންކަމާއި އެކީ ދެމިއޮތުން ކަމަށާއި އެއްވެސް ހަނގުރާމައެއް ކުރަން އިރާނުން ބޭނުން ނުވާ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ. ނަމަވެސް އިރާނަކީ ނުކުޅެދޭ ގައުމެއް ނޫން ކަމަށާއި އެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރިމަތިލާން ޖެހުނު ކޮންމެ ނުރައްކަލަކާއި ކުރިމަތިލުމުގެ ކުޅަދާނަކަން އިރާނުގެ އަސްކަރިއްޔާގައި ހުންނާނެ ކަމަށްވެސް އިރާނުން ވަނީ ބުނެފައެވެ.
2000 ގެ އަހަރުތަކުގެ ކުރީކޮޅު އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކޮށް ފަތުވާއެއް ނެރުއްވައި، އެއީ "ހަރާމް" ނުވަތަ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް 2021 ވަނަ އަހަރު، އިރާނުގެ އޭރުގެ އިންޓެލިޖެންސް މިނިސްޓަރު ވިދާޅުވީ ހުޅަނގުގެ ޕްރެޝަރުގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް އިސްލާމީ ޖުމްހޫރިއްޔަތަށް ބާރު އެޅިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ