މި އަހަރު އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހެލިކޮޕްޓަރު ގެންނަނީ

މި އަހަރު ނިމުމުގެ ކުރިން، އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހެލިކޮޕްޓަރު ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުވައްމުލަކު ސިޓީއަށް މިރޭ، ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމު ވައުދަކީ ބޭރުގެ ސިފައިން ފޮނުވާލުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ އެއާ އެމްބިއުލާންސް ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށާއި އޭގެ ފަހުން މަތިންދާ ބޯޓާއި ސީޕްލޭނުން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ބަލި މީހުން އުފުލަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
”އަދި އަޅުގަނޑުމެންގެ ފްލީޓް ބޮޑު ކުރާނަން، ބޮޑު ކުރުމުގެ ޕްލޭން މިއޮތީ. އެއަށް އަޅުގަނޑުމެން އިތުރު ކުރާނަން އިތުރު މަތިންދާ ބޯޓް ތަކާއި ހެލިކޮޕްޓަރުތަކާ. މިއަހަރު ނިމުމުގެ ކުރީގައި ހެލިކޮޕްޓަރެއް މެޑިކަލް އިވެކުއޭޝަނަށް ހާއްސަ ކުރެވިފައިވާ ހެލިކޮޕްޓަރެއް ގެނެވޭނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމުގެ ގާބިލުކަން ރާއްޖެއަށް ލިބިފައިނުވާ ކަމަށާއި މުޅިންވެސް އެކަން ކުރަމުން ދިޔައީ ބޭރުގެ އެހީގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ