ރަށްތައް ބޭނުންވަނީ ތާރު އަޅަން، ތޮއްޑޫ ބޭނުންވީ ގާ އަތުރަން

ތޮއްޑޫން މި ބަދަލު ގެނައުމުގެ ބޭނުމަކީ ރަށުގެ ތިމާވެށި ހިމާޔަތް ކުރުމާއި ޓޫރިސްޓުން އެޓްރެކްޓި ވާނެ ރީތި ފަރުމާތަކެއްގެ މަގުތަކެއް ހެދުމެވެ.
ރާއްޖޭގެ ގިނަ ރަަށްރަށުގެ އެދެނީ ތާރު އަޅައި ކޮންމެ ރަށަކީ "މާލެ" އަކަށް ހަދާށެވެ. އެކަމަކު އއ. ތޮއްޑޫ ރައްޔިތުންގެ ވިސްނުން އެ ކަމުގައި ތަފާތެވެ. އެރަށުގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއިން ރޭ ރަސްމީކޮށް ފަށާފައިވާއިރު މުޅި ރަށުގައި އަޅާނީ ގަލެވެ. 
ތޮއްޑޫގައި ކުރިން އޮތީ ތާރު އަޅަން ނިންމާފަ އެވެ. ނަމަވެސް އެރަށު މީހުން އޭރު ވެސް އެދެމުން ދިޔައީ ގާ އަޅައި ދޭށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ވަނީ އެގޮތަށް ކަން ކުރުމުގެ ފުރުސަތު އެރަށަށް ނުދީފަ އެވެ. މިދިޔަ ސަރުކާރުން ބުނަމުން ދިޔައީ ތާރު ނޫން ގޮތެއް ތޮއްޑޫއަށް ވެސް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އާރުޑީސީއާ ވާހަކަ ދައްކައިގެން އެ ރަށު މަގުތަކުގައި ގާ އަޅަން އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. 
ތޮއްޑޫގެ މި ވިސްނުމާ ބެހޭ ގޮތުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މި ބަދަލު ގެނައީ ރަށުގެ ތިމާވެށި ހިމާޔަތް ކުރުމާއި ޔުނީކް ބަދަލެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. މި ބަދަލާއެކު ބައެއް މަގުތަކަކީ އިންސްޓްގްރާމް ކޮށްލެވޭ ފަދަ ރީތި ޑިޒައިންތަކެއް ހުންނާނެ ގޮތަށް ފަރުމާ ކުރެވޭ މަގުތަކަށް ވާނެ ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ. 
"ގާ އެޅީމަ ތާރަށްވުރެ ހޫނު މަޑު. އަނެއްކާ ތިމާވެށީގެ ގޮތުން ވެސް ރަނގަޅު. މި ރަށަކީ ޓޫރިޒަމް ރަށެއް. އެހެންވެ ރައްޔިތުން ބޭނުންވީ ރީތި ޑިޒައިންތަކުގެ ގާ ބައެއް މަގުތަކުގައި އަޅަން. މިގޮތަށް ހެދީމަ ވަރަށް ރީތިކޮށް ޔުނީކްކޮށް ހުންނާނީ،" ކަރަމް ވިދާޅުވި އެވެ.  
އޭނާ ވިދާޅުވި ގޮތުގައި މީގެ އިތުރުން ރަށުގެ ފެން ފަށަލަ ހިމާޔަތް ކުރަން މަގުތަކަށް ޖަމާވާ ހުރިހާ ފެނެއް ރަށުން ބޭރު ވެގެން ދިޔަ ނުދިނުމަށްޓަކައި ވެސް ބަދަލުތަކެއް ގެނެވިފައި ވާނެ ކަމަށެވެ. 
"ފެން ޖަމާވާ ތަނެއް ހުންނާނެ. އެތަނުން ވަރަށް ބޮޑަށް ފެން ބޮޑު ވެގެން ގޯސްވެގެން ނޫނީ ފެންގަނޑު ރަށުން ބޭރެއް ނުކުރާނެ. މިއީ ދަނޑުވެރިކަން ހިމާޔަތް ކުރަން އެޅި ބަދަލެއް،" ކަރަމް ވިދާޅުވި އެވެ. 
ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާރުޑީސީއާ ހަވާލު ކޮށްފައި އޮތް މަސައްކަތެވެ.  މި މަސައްކަތުގެ އަަގަކީ 77 މިލިއަން ރުފިޔާ އެވެ. އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ ތޮއްޑޫ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގު ބައްތިތައް ހަރުކޮށް މަގުތައް ޒީނަތްތެރި ކުރުން ވެސް ހިމެނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ