ފަތުރަނީ ދޮގެއް، ރައީސް އޮފީހަށް ފޯނު ވެއްދޭނެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ ވިދާޅުވީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސާދީފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ހީނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ