މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް މުވައްޒަފުން ބާރުވެރިކުރުވުމަށް ދިރާގުން 'ޕިޗް ފޯ ޕާޕަސް' އިފުތިތާހުކޮށްފި
މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން އިސްނަގައިގެން ހިންގާ ސީއެސްއާރު ހަރަކާތްތަކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން 'ޕިޗް ފޯ ޕާޕަސް'ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ދިރާގުން މިއަދު އިފުތިތާހުކޮށްފިއެވެ. މިއީ މިފަދަ ގޮތަކަށް މުވައްޒަފުން ބާރުވެރިކުރުވުމަށް އެ ކުންފުނިން ފެށި ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ ދިރާގުގެ މުވައްޒަފުން އިސްކަންދޭ އަދި މުޖުތަމައަށް މުހިންމު ކަންކަމުގައި ޚިޔާލު ހުށަހެޅުމަށް ތަރުތީބުކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ފުރުސަތު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ދަށުން މުވައްޒަފުންނަށް ޓީމުތަކަށް ބެހިގެން، އެ މީހުންގެ ޚިޔާލުތައް ތަރައްގީކޮށް، ކުންފުނީގެ އެހީތެރިކަމާއެކު މުޖުތަމައުގައި އެ މަޝްރޫއުތައް ހިންގުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ މުވައްޒަފުންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާގައި ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކޮށް، އިޖުތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނައުމުގައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ދިރާގުގެ މުވައްޒަފުންނަކީ މީގެ ކުރިންވެސް ތިމާވެށި ރައްކާތެރިކުރުމާއި، ހުނަރު ތަރައްގީކުރުން ފަދަ އިޖުތިމާއީ ގިނަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ބައެކެވެ. ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ހޮވާލެވޭ އެންމެ ރަނގަޅު ތިން މަޝްރޫއަކަށް ކުންފުނީގެ އެހީތެރިކަމާއެކު މުޖުތަމައުގައި އަމަލީ ސިފަ ގެނައުމުގެ ފުރުސަތު ދެވޭނެއެވެ. މީގެ ސަބަބުން މުވައްޒަފުންނަށް އެ މީހުންގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ބޭރުން، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، އާ ތަޖުރިބާތަކެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. "ޕިޗް ފޯ ޕާޕަސް މެދުވެރިކޮށް މުވައްޒަފުންނަށް މުޖުތަމައުގެ ބޭނުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ،" ދިރާގުން ފާހަގަކުރިއެވެ. 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓިފިކެޓް ލިބިފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި، އެ މީހުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށެވެ. މި އިސްނެގުމަކީ ދިވެހިރާއްޖޭގެ މުޖުތަމައުތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި ކުރިމަގަކަށް މަގުފަހިކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމާއެކު ކުންފުނީގެ ތެރޭގައި އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ސަގާފަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ