އާސެނަލުން 22 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ދިގު އިންތިޒާރަކަށްފަހު، އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި 22 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. ​އާސެނަލްއަށް ލީގު ކާމިޔާބުވުން ކަށަވަރުވީ މިރޭ ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓަރ ސިޓީ، ބޯންމައުތާ ވާދަކޮށް 1-1 އިން އެއްވަރުވުމުންނެވެ. މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި އޮތް ސިޓީއަށް، ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް އެއްވަނައިގައި އޮތް އާސެނަލްއާ އަރާ ހަމައެއް ނުކުރެވޭނެއެވެ. ​މިއީ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި އާސެން ވެންގާގެ އިރުޝާދުގެ ދަށުން "އިންވިންސިބަލްސް" ގެ ގޮތުގައި މެޗަކުން ބަލިނުވެ އާސެނަލްއިން ލީގު ހޯދި ފަހުން، އެ ކްލަބަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. ​މި ސީޒަނުގައި މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ދެއްކީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެކެވެ. ލީގުގެ ފަހު މެޗުތަކުގައި ދެއްކި ސާބިތުކަމާއެކު، އެޓީމުން ވަނީ ވޭތުވެދިޔަ ސީޒަންތަކުގައި ސިޓީ އަތުން ލީގު ގެއްލުމުގެ ހިތްދަތި ހަނދާންތައް ފޮހެލާފައެވެ. ​ރޭގެ މެޗުގައި ބޯންމައުތުން ލީޑު ނަގާފައިވަނިކޮށް، ފަހު ވަގުތު އާލިންގ ހާލަންޑް ސިޓީއަށް ލަނޑެއް ޖަހައިދީ މެޗު އެއްވަރުކޮށްދިން ނަމަވެސް، އެ ނަތީޖާއިން ޕެޕް ގާޑިއޯލާގެ ޓީމަށް ފުދޭގޮތެއް ނުވިއެވެ. ​ލީގު ކާމިޔާބުވުމާ އެކު އާސެނަލްގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެ ބޮޑު ކާމިޔާބީ ފާހަގަކުރަމުންނެވެ. މީގެ އިތުރުން، އާސެނަލްއަށް މި މަހުގެ 30 ވަނަ ދުވަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުން މޮޅުވެ، ތާރީޚީ "ޑަބަލް" އެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ. އިތުރު ތަފްސީލް އަންނަނީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ