ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދިޔަ މައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅަށް ހަވާލާދީފައިވާ ކަމަށާއި، އެ ސިޓީއަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް މަޖިލީހުގެ ބަހެއްނެތި ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާއިމެދު ގޮތެއް ނިންމުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމިގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓަކާއި ގުޅޭގޮތުން "ވީ ނިއުސް"އާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދާއި ގުޅޭ އެއްވެސް މުއާމަލާތެއްގައި ގޮތެއް ނިންމަންވާނީ މަޖިލީހުގެ ބަހެއް އެކަމުގައި އޮވެގެން ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.
ގާނޫން އަސާސީގައި އެފަދައިން ބަޔާންކުރާއިރު، ރާއްޖޭގެ ސަރަހައްދަށް އަސަރުކުރާ ކަމެއްގައި މަޖިލީހުގެ ރުހުމެއްނެތި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ސިޓީއެއް ފޮނުވުމަކީ ގާނޫން އަސާސީއާއި ހިލާފު ކަމެއް ކަމަށާޢި، އިޓްލޮސް އިން ކުރި ހުކުމުގައި ޢެ ސިޓީއާއި ހަވާލާދީފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މިއަދު އިޓްލޮސްގައި އޮތް ޝަރީއަތުގެ މަޖިލީހުގައި، އިޓްލޮސް އިންނިންމީ، ދެ ގައުމުގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލުން ބަހަން ނިންމުމުން، ހިޔާލު ތަފާތުވުމެއް އުފެދުނެވެ. އެހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މިންއަޅަން މޮރިޝަސްއިން ބުނާތީއެވެ.
ރާއްޖޭން ކޯޓުގައި ބުނީ، އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރުމަށް ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ރާއްޖޭގެ ފަރާތުން ހުށަހެޅިއެވެ. އެފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަންވެސް ނިންމިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ބޭސް ޕޮއިންޓަކަށް ބްލެންހެމް ރީފް ބެލި ނަމަ މޮރިޝަސްއަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ. ނަމަވެސް، ކޯޓުގައި އެގައުމަށް އެކަން ކާމިޔާބު ނުކުރެވުނެވެ.
އިމުގެ މައްސަލައިގައި ހަވާލާދީފައިވާ ސިޓީއަކީ ގާނޫނާއި ހިލާފު ސިޓީއެއް: މެމްބަރު އަލީ ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ