މީޓަރު ރީޑިންގ ނުނަގާ ކަރަންޓް ބިލުތައް ބޮޑުކޮށްފައިނުވާނެ، ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް: ސްޓެލްކޯ

މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިނުވާނެ ކަމަށާއި ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. 
‎މީޓަރުގެ ރީޑިންގ ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައިވާކަމަށް ތުހުމަތުކޮށް  ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރާކާއި ގުޅިގެން ‎ސްޓެލްކޯއިން ވިދާޅުވީ އެ ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށް ފާހަގަކުރެވޭ ކަމަށެވެ. 
‎އަދި އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް ކަމަށާއި މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމަށް ވިދާޅުވިއެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ވެސް ފެންނަން ހުންނާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
‎”ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭ. މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރަން” ސްޓެލްކޯއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ