މިއަދު މީހެއްގެ ގާތުގައި އޭނާ އެންމެ އެދޭކަމެއްގެ ވާހަކައިން ސުވާލުކޮށްފިނަމަ އެދޭނީ ދުނިޔެއިން ކޮންމެވެސް ކަމަކަށް އެދުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. މިކަން މިއަދު ޢާންމުވެފައި އޮތް ނަމަވެސް މިކަން ފެށިފައިވަނީ މިއަދަކު ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިގެ ޒަމާނުގައިވެސް މިކަންތައް އޮތީ ފެށިފައެވެ. ނަމަވެސް ވަރަށް އެއީ ވަރަށް މަދު ކަމެކެވެ. ގިނައިން ޞަހާބީން އެދިލައްވާފައިވަނީ އާޚިރަތުގެ ނިޢުމަތްތަކަށެވެ.
ތިރީގައިވާ ލިޔުމަށް ވިސްނަވައިލައްވާށެވެ! މިބަޔާންކުރި ފަދައިން ދުެުޞަތެއް ލިބިއްޖެނަމަ އެދެންވީ ކޮންކަމަކަށްކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ. ޔަޤީންކުރަންވީ ކޮންމެ ކަމަކަށް ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަވައިފިނަމަ އަވަސްވެގަންނަންވީ އެކަމަކަށް ޢަމަލުކުރަން ކަމެވެ.
މިހެން ބުނުމުން މިއަދު މީހެއްގެ ކިބައިން އާޚިަރތުގައި ތިމާއަށް ފައިދާކުރާނެ ކަމަކަށް އެދޭނެ ގޮތަކާއިބެހޭގޮތުން ސުވާލު އުފެދިދާނެއެވެ. އެެހންވެ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ތަނަވަސްކަން ހުރި މީހަކާއި ބައްދަލުވުމުން ތިބާ އެންމެ އެދެދެނީ ކޮން ކަމަކަށްތޯ ސުވާލުކޮށްފިނަމަ ގެއެޅުނ، ސައިކަލެއް ލިބުން ފަދަ ކަމެއްގެ ޥާހަކަ ބުނުމުގެ ބަދަލުގައި ޙައްޖު ނުވތަ ޢުމްޜާ ދަތުރަކަށް އެދެވިދާނެއެވެ. އަދި ކީއްހެއްޔެވެ؟ އެފަދަ ނިޢުމަތެއް ލިބިއްޖެނަމަ ދަތުރުގައި ތިބާ ކުރާ ދުޢާއިން ބޭނުންވާ އެހެން ހުރިހާ ކަންކަން ފުރިހަމަވުން އޮންނާނީ ދާދި ގާތުގައެވެ. އިން ޝާ ﷲ
އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު އައުރާބީންގެ މީހަކު ދެއްވި ދައުވަތެއް ޤަބޫލުފުޅު ކުރައްވާ، މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާ ދިރިއުޅޭ ގެއަށް ވަޑައިގެންނެވިއެވެ. އޭނާ ވަރަށް ފުރިހަމައަށް އެކަލޭގެފާނަށް މެހުމާންދާރީ އަދާކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަމުން ވަޑައިގެންނެވީ ދެން ފަހަރަކު އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް މި އައުރާބީ ކަލޭގެ އައުމުން އެކަލޭގެފާނު އޭނާއަށް މެހުމާންދާރީ އަދާކުރެއްވިއެވެ. އެއަށްފަހު އޭނާ އެނބުރި ދާން ފެށުމުން ޙަދީޘް ކުރެއްވިއެވެ. [ތިބާ އެންމެ އެދޭކަމެއް ބުނާށެވެ؟] އެހިނދު އެ އައުރާބީ ދެންނެވިއެވެ. [އަސްދާނުގޮނޑި ޖަހާ ސަވާރުވާން ތައްޔާރުކޮށްފައިވާ ޖަމަލަކާއި، އަހަރެންގެ ޢާއިލާއަށް ކިރުދޭނެ ބަކަރިއެކެވެ.]
އޭނާގެ ޖަވާބާ ގުޅިގެން މި އުއްމަތުގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، އަޅުގަނޑުމެން އެންމެންނަށް އިބުރަތަކަށް ފުދޭނެފަދަ ފިލާވަޅެއް ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ބަނީއިސްރާއީލުގެ މުސްކުޅި އަންހެނާ ފަދައިން ވުމަށް ތިޔަބައިމީހުންނަށް ކުޅަދާނަކަން ނުލިބުނީ ހެއްޔެވެ؟] އެއީ ކޮން ވާހަކައެއްތޯ ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"ފިރުޢައުނުގެ ކިބައިން ސަލާމަތްވުމަށް ބަނީއިސްރާއީލު ބާގައިގެ މީހުންނާއެކު، މޫސާ ޢަލައިހިސަލާމް މިޞްރުން ވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް މަގުއޮޅިވަޑައިގަތެވެ. އެ ވަގުތު އެތާނގައި ތިބި ބަނީ އިސްރާއީލުންގެ ޢިލްމުވެރީންގެ ބަޔަކު މޫސާގެފާނަށް ދެންނެވިއެވެ.
[ޔޫސުފުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އެކަލޭގެފާނުވަނީ ވަޞިއްޔަތެއް ކުރައްވައިފައެވެ. އެއީ ބަނީއިސްރާއީލުން މިޞްރުން ފައިބަގައިގެން ދަމުން އެކަލޭގެފާނުގެ ގަބުރުފުޅު އެބައިމީހުންނާއެކު ގެންދިޔުމަށެވެ. އަޅުގަނޑުމެންނަށް މަގުއޮޅި ގެއްލިފައި މިވަނީ އެކަލޭގެފާނުގެ ވަޞިއްޔަތް ފުރިހަމަ ނުކުރުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ.] މޫސާގެފާނު އެބައިމީހުން ކުރެ ޔޫސުފުގެފާނުގެ ޤަބުރުފުޅުވީތަނެއް އެނގޭތޯ ސުވާލު ކުރެއްވުމުން އެބައިމީހުން ދެއްކީ ބަނީއިސްރާއީލުންގެ ތެރޭގައި އިން އަންހެނެކެވެ. އޭނާއަކީ މުސްކުޅިވެ އަބަހައްދަ ވެފައިވާ މީހެކެވެ. އޭނާ ނޫން އެހެން މީހަކަށް ޔޫސުފްގެފާނުގެ ޤަބުރުފުޅު ވީތަނެއް ނޭނގޭނެ ކަމަށް އެބައިމީހުން ދެންނެވިއެވެ.
ދެން މޫސާގެފާނު ވަޑައިގެން އެ އަންހެން މީހާކުރެން ޔޫސުފްގެފާނުގެ ޤަބުރުފުޅު ވީތަނެއް އެއްސެވުމުން އޭނާ ދެންނެވިއެވެ. [މާތްﷲ ގަންދީ ބުނަމެވެ. އަޅުގަނޑު އެތަން ދައްކާނީ ސުވަރުގޭގައި ކަލޭގެފާނުގެ އަވައްޓެރިއަކަށް ވުމުގެ ނަސީބު އަޅުގަނޑަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވުމުންނެވެ.]
މޫސާގެފާނު އެ އަންހެން މީހާގެ ވާހަކައާމެދު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް ހަމަ އެވަގުތު ވަޙީގެ ޒަރިއްޔާއިން މޫސާގެފާނަށް އެ އަންހެން މީހާ އެދުނު ކަންތައް ފުރިހަމަކޮށް ދެއްވުމަށް އެންގެވިއެވެ. މޫސާގެފާނު އެގޮތައް އަމަލު ކުރެއްވުމުން އެ އަންހެންމީހާ، އެމީހުންނާއެކު ގޮސް ކުޑަ ފެންގަނޑެއް ދެއްކިއެވެ.
އަދި ބުންޏެވެ. [މިތަން ކޮންނާށެވެ.] ދެން އެބައިމީހުން އެތަން ކޮނުމުން އެތަނުގެ ތެރެއިން ޔޫސުފުގެފާނުގެ ގަބުރުފުޅު ފެނިއްޖެއެވެ. އެބައިމީހުން އެކަލޭގެފާނުގެ ގަބުރުފުޅު ހިފައިންގެ ހިނގައިގަތުމުން ދާންވީ މަގު ސާފުވެ ފެނިއްޖެއެވެ.]
{الهيثمي (ت ٨٠٧)، مجمع الزوائد ١٠/١٧٣ • رجاله رجال الصحيح • أخرجه أبو يعلى (٧٢٥٤)، وابن حبان (٧٢٣)}
މި ޙާދިޘާއިން މާތް ރަސޫލާ صلّى اللّـه عليه وسلّم، ޞަޙާބީންނަށް ދަސްކޮށްދެއްވަން ބޭނުންފުޅުވެވަޑައިގެންނެވި ފިލާވަޅަކީ އަރަހުށި މާތްﷲ ގެ ޙަޞްރަތުން ކަމަކަށް އެދޭނަމަ އާޚިރަތުގެ މަތިވެރި ދަރަޖައަށް އެދުމެވެ. ސުވަރުގެ ލިބުމަށް އެދި ދަންނަވާނަމަ ސުވަރުގޭގެ އާދައިގެ ދަރަޖައެއް ލިބުމަށް އެދި ދެންނެވުމުގެ ބަދަލުގައި މަތީ ދަރަޖައެއް ދެއްވުން އެދުމެވެ. އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅަށް އަމަލުކޮށްގެންނެވެ. އެއްވެސް ޝައްކެއްނެތި އެކަލާނގެއަށް ވަކީލުކޮށް އިތުބާރުކޮށްގެންނެވެ.
ފުރުޞަތެއް ލިބޭއިރަށް ދުނިޔެއިން ކަންކަމަށް އެދިގެން މިމުސްކުޅި އަންހެނާ ހޯދި ދަރަޖަ ހޯދާނީ ކިހިނެއްތަ؟ ބޭނުންވާންވީ ކޮންކަމަކަށްކަން އެނގިގެންދާނެ ޢިބްރަތްތެރި ޙާދިޘާއެއްގެ ވާހަކަ ޙަދީޘްފުޅުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ