އޮސަސޫނާ ބަލިކޮށް އެތްލެޓިކޯ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވެ ލީގުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން މޮޅުވުމާއެކު އެތްލެޓިކޯ އަށް ވަނީ ލީގުގައި ކުޅުނު 19 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 43 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
މިއީ މި ސީޒަނުގައި އެތްލެޓިކޯ މެޑްރިޑް އިން ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުގެ ތެރެއިން ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ. އަދި މިއީ އެ ކްލަބުގެ ތާރީޚުގައިވެސް މީގެ ކުރިން ހޯދިފައިވާ ނަތީޖާއެއް ނޫނެވެ.
މި މެޗު ފެށުމާއެކު އެތްލެޓިކޯ މެޑްރިޑް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ގިނައިރު ބޯޅަ ހިފަހައްޓައިގެން އޮސަސޫނާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނިޓުގައި އުފެއްދި ހަމަލައެއްގައި އެންޓޮއިން ގްރޭޒްމަން ލަނޑެއް ޖެހިނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޭނާގެ އަތުގައި ބޯޅަ ޖެހިފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވަޑް ހޫލިއަން އަލްވަރޭޒް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ ހޫލިއަން އަލްވަރޭޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ