ޝެއިހް އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު ކަމަށް ހުވާކުރީ ގާނޫނާ ހިލާފަށް: ނިހާން

ޝެއިހް އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު ކަމަށް ހުވާކުރީ ގާނޫނާ ހިލާފަށް ކަމަށާއި 15 ދުވަސް ވަންދެން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި މައްސަލަ ބަލަން ޖެހޭ ކަމަށް އިދިކޮޅު ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
އަހުމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ޖިނާއީ ހުކުމެއް އޮތް މީހެއްކަމަށާއި މިނިސްޓަރު ކަމުގެ ހުވާކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ހޯމް މިނިސްޓަރުގެ ކޮޓަރި ކޮޅަށާއި ފުހުންގެ އިދާރާއަށް ވަދެ ގާނޫނާ ހިލާފަށް "އަމުރު މަޢުރޫފް" ހިންގެވީ ކީއްވެތޯ ސުވާލު އުފައްދައިފައި ވެއެވެ.
ނިހާނު މިމޭރުމުން ޓުވީޓު ކުރައްވާފައި ވާއިރު މިއަދު ހެނދުނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މަގާމުން އިސްތިއުފާ ދިނުމަށްފަހު އަލުން މަގާމާ ހަވާލުވެ ވަޑައިގެންފައެވެ. 
އިމްރާން އިސްތިއުފާދެއްވީ ވަޒީރުކަމަށް ފުރަތަމަ އައްޔަން ކުރެވުނުއިރު، އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެކަމާއިމެދު ގާނޫނީ ގޮތުން ސުވާލުތަކެއް ފެންމަތި ވުމުން ކަމަށް ދެކެވެއެވެ. ނަމަވެސް އިމްރާންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުންވަނީ މީގެ ދުވަސް ކޮޅެއް ކުރިން ބާތިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ