ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ފަރުވާ ހޯދުމަށް އަކްޝޭ ފިލްމީ މަސައްކަތްތަކާ ދުރަށް
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ލޮލުގެ ފެނުމަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ލޮލުގެ ފެނުން ރަނގަޅުކުރުމަށްޓަކައި އޮޕަރޭޝަނެއް ކޮށްފި ކަމަށާއި، ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކާ ދުރަށް ދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސިއްހީ ގޮތުން ދިމާވި ލޮލުގެ މައްސަލައަށް އަކްޝޭ ފަރުވާ ހޯދީ، ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު ދާދިފަހުން މަސައްކަތްފެށި އާ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހުއެވެ. ދާދިފަހުން ރިލީޒްކުރި އަކްޝޭގެ ފިލްމު "ބޫތު ބަންގްލާ"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު، އަކްޝޭ މިވަގުތު ހުރީ ފިލްމީ ދާއިރާއިން އަދިވެސް ކުރިއަށް ދިއުމަށެވެ. ނަމަވެސް، އަބަދުވެސް މަސައްކަތުގައި ބިޒީކޮށް އުޅޭ އެކްޓަރު މިހާރު ވަނީ އޭނާގެ ސިއްހަތަށް އިސްކަންދީ، މަސައްކަތުން ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމެއް ނަގާފައެވެ. ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމުގެ ޝޫޓިންގް ނިންމާލުމަށްފަހު އަކްޝޭ އެ ފިލްމުގެ ބަތަލާއިން ކަމަށްވާ ވިދްޔާ ބާލަން އަދި ރާޝީ ކަންނާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލޮލުގެ ފެނުން ރަނގަޅު ކުރުމަށް ކުރަންޖެހުނު ހާއްސަ އޮޕަރޭޝަން އަކްޝޭ ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބަތަލާ ވިދްޔާ ބާލަން އަދި ރާޝީ ކަންނާއާ އެކު އަކްޝޭ މުހިއްމު ރޯލަކުން ފެންނާނެ ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކުރަމުން އަކްޝޭ 'އެކްސް'ގައި ލިޔެފައިވަނީ، ކެރެލާގެ ޝެޑިއުލް ނިމިއްޖެ ކަމަށާއި، ރީތި މާހައުލެއްގައި ރަނގަޅު ބަޔަކާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އިންޑިއާގެ ހިންދީ ސިނަމާގެ އެކްޓަރުންގެތެރެއިން އަކްޝޭ ފާހަގަކޮށްލެވެނީ ސިއްހަތަށް ހާއްސަ އިސްކަމެއްދީ ދުޅަހެޔޮކަންމަތީ ހުންނަން އަބަދުވެސް މަސައްކަތްކުރާ އެކްޓަރެއްގެ ގޮތުގައެވެ. ލޮލުގެ ހާއްސަ އޮޕަރޭޝަނަށްފަހު އަކްޝޭ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. އަހަރެއްގެ މައްޗަށް މަދުވެގެން ހަތަރު ވަރަކަށް ފިލްމުގައި މަސައްކަތްކުރާ އެކްޓަރުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ، "ވެލްކަމް ޓު ދަ ޖަންގަލް"، "ހައިވާން" އަދި "ގޯލްމާލް 5" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ