ނައިބު ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވާންގް ޔޮންގް، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއާމަން ލިއު ސިއާއޮކައި އާއި ބައްދަލުކުރައްވާފައެވެ.
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެކެވެ. މި ފޯރަމްގެ ދެ ވަނަ ބައްދަލުކުރެއްވުމުގައި މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު މިއީ އެ މަނިކުފާނު ޗައިނާއަށް ކުރައްވާ މިފަދަ ދެވަނަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ