މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 އިންސައްތައަށް ވުރެ ބޮޑު ނުވާ ގޮތަށް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދެއް މާރުކުރަން ޖެހެ އެވެ.
މަރުކަޒީ ބެންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބޭރުފައިސާ އާބެހޭ ބިލެއްގެ ދެލިކޮޕީ އެކުލަވާލާ އެ ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެމްއެމްއޭގެ ވެބްސައިޓް ގައި އެ ގަވާއިދުގެ ދެލިކޮޕީ ވަނީ އާންމުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ މިއީ ރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ބޭރު ފައިސާ ގެންގުޅުމާއި ގަނެވިއްކުން ހުއްދަ ކުރުމާއި ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖެއަށް ފޮރިން އެކްސްޗޭޖު ރޭޓް ކަނޑައެޅުމާއި ބޭރު ފައިސާ ރާއްޖޭގައި ޖަމާކުރުމާއި ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިން ބައެއް މާރުކުރުމާއި ބެހޭ އުސޫލު ކަނޑައެޅުމުގެ ގާނޫނެއް ކަމަށެވެ.މި ގާނޫނުގައި ރާއްޖޭގައި މުއާމަލާތްތައް ކުރާނެ ފައިސާއާ ބޭރުގެ ފައިސާ އިން މުއާމަލާތް ކުރެވޭނެ އުސޫލުތަކާއި ބޭރު ފައިސާ އިން އަގު އަދާކުރުމަށް ދިވެހީންގެ މައްޗަށް ލާޒިމު ނުކުރެވޭނެ ކަން ވަނީ ބަޔާން ކޮށްފަ އެވެ. ބޭރު ފައިސާ އާއި ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް ކަނޑައަޅާނެ ގޮތްތަކާއި ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބެންކު އެކައުންޓްތަކަށް ޖަމާކުރުމާ ގުޅޭ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.ގަވާއިދުގައިވާ ގޮތުން ކެޓަގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބެންކަކަށް ދިވެހި ރުފިޔާ އިން މާރުކުރަން ޖެހެ އެވެ. ކެޓަގަރީ ބީގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބެންކަކަށް ދިވެހި ރުފިޔާ އިން މާރުކުރަން ޖެހެ އެވެ.އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 އިންސައްތައަށް ވުރެ ބޮޑު ނުވާ ގޮތަށް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދެއް މާރުކުރަން ޖެހެ އެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން މިންވަރެއް މާރުކުރުން ލާޒިމުކުރާ ގަވާއިދާއި ބައެއް ދިވެހި ޓޫރިސްޓް އޯނަރުން ވަރަށް ބޮޑަށް ދެކޮޅެވެ. އަދި އެ އުސޫލަށް ތަބާނުވާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.ނަަމަވެސް ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ."ވަރަށް ސާފުކޮށް މިދަންނަވަނީ މި ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ. މިއީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރާ ކަމެއް.،" ސަރުކާރަށް އަހަރު ފުރުން ފާހަގަ ކުރުމަށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރައީސް އެރޭ ވިދާޅުވީ މިހާރު ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ޑޮލަރު ގަންނަންޖެހެނީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރު އެކަމުގެ ސަބަބުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމަށެވެ. އަދި ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ޖަނަވަރީ އެކެއް 2026 އިން ފެށިގެން އަމަލުކުރަން ފެށުމާއެކު، ރަސްމީ ރޭޓުގައި އެސްއޯއީތަކަށް ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މި ގަވާއިދުގެ އިތުރު ފައިދާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. "ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ވިދާޅުވި އެވެ. "އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" އިތުރަށް ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ކަންކަން ޖަނަވަރީން ފެށިގެން ރަނގަޅަށް ކުރިއަށްދާނަމަ ހަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މިހާރު ބޭންކުތަކުން ވިޔަފާރިތަކަށް މުދާ އިމްޕޯޓުކުރުމަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެއްވާނެ ކަމަށެވެ. އެކަަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަަދަ މަންފާތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށް އެކުލަވައިލެވިފައި އޮތް ގަވާއިދެއް ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ގަވާއިދަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އެކުލަވައިލާފައިވާ ގަވާއިދެއް ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބޭރުފައިސާއާ ބެހޭ ބިލު އާއްމުންގެ ހިޔާލަށް؛ އާމްދަނީގެ %25 މާރުކުރަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ