މެންޗެސްޓަރ ސިޓީ އެފްއޭ ކަޕުގެ ފައިނަލަށް، ތައްޓެއް ނުލިބި އޮތުމުގެ ބިރުން ޓްރެބަލްއަކަށް؟

މިސީޒަން ފެށިއިރު މެންޗެސްޓަރ ސިޓީގެ ހާލަތު އޮތީ މުޅިއަކުން އެންމެ ރަނގަޅު ފައްތަރެއްގައި ނޫނެވެ. މިދިޔަ އަހަރުގެ މިހިސާބުގައި އެޓީމުގެ ފޯމު އޮތީ ދަށްކޮށެވެ. އަދި 2017 ގެ ފަހުން ތައްޓެއް ނުލިބިދާނެކަމުގެ ބިރު ޓީމު ތެރޭގައި އޮތެވެ.
އެހެންނަމަވެސް 12 މަސް ދުވަހުގެ ތެރޭގައި ޕެޕް ގާޑިއޯލާ ވަނީ މުޅި ޓީމުގެ ކުޅުން ބަދަލުކޮށް ރަނގަޅުކޮށްފަ އެވެ. އަދި މިހާރު އެޓީމަށް ޑޮމެސްޓިކް ޓްރޮފީ ޓްރެބަލްއެއް ހޯދުމުގެ ހަގީގީ ފުރުސަތު އެބަ އޮތެވެ. އަދި މިކާމިޔާބީ އެޓީމުން ހާސިލްކޮށްފިނަމަ އެޓީމު ވެގެންދާނީ މިކާމިޔާބީ ހޯދި ދެވަނަ އިނގިރޭސި ޓީމަށެވެ.
މީގެކުރިން މިކާމިޔާބީ ހޯދިފައި އޮތީ ވެސް 2019 ވަނަ އަހަރު ގާޑިއޯލާގެ ކޯޗުކަމުގައި ހަމަ ސިޓީ އަށެވެ. މިސީޒަނުގައި މިހާރު ސިޓީން ވަނީ ކަރަބާއޯ ކަޕުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ ފައިނަލުގައި 2 - 0 ން އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ސިޓީއަށް ބާކީ އޮތީ ޕްރިމިއާ ލީގާ އެފްއޭ ކަޕެވެ. އެފްއޭ ކަޕުގެ ފައިނަލުގައި އަންނަ މޭމަހުގެ 16 ގައި ޖެހިޖެހިގެން 4 ވަނަ ފަހަރަށް ސިޓީން ނުކުންނާނެ އެވެ. ސިޓީ ފައިނަލަށް ދިޔައީ ރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރާ ދެގޯލު ޖަހައިގެން 2 - 1 ން މެޗު ކާމިޔާބުކޮށްގެންނެވެ.
ބީބީސީން ރިޕޯޓްކުރިގޮތުގައި ޓްރެބަލްއެއް ހޯދުމުގެ ފުރުސަތު އެބައޮތްތޯ ގާޑިއާލޯއާ ސުވާލުކުރުމުން އޭނާ ބުނީ އަދި މާދުރު ކަމަށެވެ. ލީގުގެ އެންމެފަހު މެޗުގައި އެސްޓަންވިލާއާ ދެކޮޅަށް ކުޅުމަށްފަހު ފުރުސަތެއް އޮތިއްޔާ ބުނާނެ ކަމަށާއި މިވަގުތު އަދި އެކަން އޮތީ ވަރަށް ދުރުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
"މިހާރު މުހިންމީ ކުޅުންތެރިންނަށް ތިން ދުވަހުގެ އޮފެއް ލިބިފައިވާކަން، އަހަރެން ބުނެފައިވާނެ އެމީހުން ކައިރީގައި ފުޓްބޯޅައާ މެދު ނުވިސްނާ އަރާމުކުރުމަށް. ސީޒަން ފެށެނީ 5 މެޗާ އެފްއޭ ކަޕު ފައިނަލާއެކު، އަހަރެން ބުނާނީ ޕްރިމިއާ ލީގު އަތުން ގާތްގަނޑަކަށް ދޫވެއްޖެކަމަށް، އަހަރެމެން ދެވަނައަށް ވެއްޓިއްޖެ. ދެން ބަލަމާ" ގާޑިއޯލާ އިތުރަށް ބުންޏެވެ.
ޕްރިމިއާ ލީގަށް ބަލާލާއިރު މިވަގުތު އެއްވަނައިގައި ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ޖުމްލަ 73 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. 70 ޕޮއިންޓާއެކު ދެވަނައިގައި ސިޓީ އޮތްއިރު ތިންވަނައިގައި 58 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑެވެ. އަދި ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 58 ޕޮއިންޓެވެ. ޔުނައިޓެޑް ކުރީގައި އުޅެނީ ޖެހި ގޯލުންނެވެ. ލީގުގެ ފަސްވަނައިގައި އޮތީ އެސްޓަންވިލާ އެވެ. އެޓީމަށް ވެސް 58 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް ކުރި ލިބެނީ ގޯލު ތަފާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ