ސަރުކާރުގެ ހަރަދުތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމަކީ ބޮޑު ގޯހެއް: ނަޝީދު

ސަރުކާރުގެ ހަރަދުތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމަކީ ބޮޑު ގޯހެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއް ފުއްދަން ކަމަށާއި، އެގޮތުން ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ 14 އިންސައްތަ މި ފަންޑަށް ޖަމާކޮށް މި ފައިސާ ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ބޮޑު ގޯހެއް ކަމަށެވެ. ކޮންމެ މަހަކުވެސް ޕެންޝަނަށް ދޭ ފައިސާ ކެނޑުމަށްފަހު ދެން ހުރި ފައިސާ ފައިދާ ހުރި ކަމަކަށް އިންްވެސްޓު ކުރަން ޖެހޭކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓު ހަރަދެއް ކުރުމަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
އެއާއެކު ނަޝީދު ވަނީ ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ނަޝީދުގެ އިތުރުން ސަރުކާރުން އުޅެނީ ޕެންޝަން އޮފީސް ތެރެއިން އޮޅުވާލައިގެން މަނީލޯންޑާ ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޔާމީން ވަނީ ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ ދައުލަތުގައި ފައިސާ ނެތުމަކީ އުފާވާ ކަމެއް ނޫންކަމަށާއި ނަމަވެސް ސަރުކާރުން އުޅެނީ ސަރުކާރުން އުޅެނީ ދައުލަތުގައި ފައިސާ ނެތިގެން ސްކޫކެއް ހޯދަން ކަމަށެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތް ހިންގަން ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅާފައެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ.
ފެންމަތިވެފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފައެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ