ޓިއުރިން (މާޗް 20) - އިޓަލީ ފުޓްބޯޅައިގައި އަދިވެސް ކަންތައްތައް ހުރީ 1990 ގެ އަހަރުތަކުގެ ވިސްނުންތަކެއްގެ ތެރޭގައި ކަމަށް ސަސުއޯލޯ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު، ސާބިއާގެ ނަމަންޏާ މަޓިޗް ބުނެފި އެވެ.
އުމުރުން 37 އަހަރުގެ މަޓިޗް ވަނީ ޕޯޗުގަލްގެ ބެންފީކާ، އިންގްލެންޑްގެ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ފްރާންސްގެ ލިޔޯން އާއި ރެން އަދި އިޓަލީގެ ރޯމާ އަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. މިދިޔަ އަހަރު ސަސުއޯލޯ އަށް ބަދަލުވި މަޓިޗް ބުނީ، އިޓަލީ ފުޓްބޯޅައިގެ ހުރިހާ މައްސަލަތަކެއް ގުޅިފައި އޮތީ ޔޫތު ލެވަލްގައި ކަންކަން ކުރާ ގޮތުގެ މައްޗަށް ކަމަށެވެ.
"އިޓަލީ ފުޓްބޯޅައިގެ ވިސްނުންތައް މިހުރީ 1990 ގެ އަހަރުތަކުގެ ތެރޭގައި. އެކަޑަމީތަކުގައި ފަހުގެ ވައްޓަފާޅިއެއް ނެތް. އެކަން އަހަރެން އަމިއްލަ އަށް ތަޖުރިބާކުރީ ފިރިހެން ދަރިފުޅު އެކަޑަމީއަށް ލައިގެން. ފްރާންސާއި އިންގްލެންޑްގައި ޔޫތު ފުޓްބޯޅަ އޮތީ ވަރަށް ކުރީގައި،" އިޓަލީގެ ވަރުގަދަ ނޫހެއް ކަމަށްވާ ލަ ގަޒެޓާ ޑެލޯ ސްޕޯޓް، އަށް ދިން އިންޓަވިއުއެއްގައި މަޓިޗް ބުންޏެވެ.
މަޓިޗް ބުނީ، އިންގްލެންޑާއި ފްރާންސްގައި ކުޅުންތެރިންނަށް ރަނގަޅު ޓެކްނިކްތައް ބުނެދިނުމާއި ޝައުގުވެރިކަމާ އެކު ކުޅެން ދަސްކޮށްދީގެން ކުރިއަރަން ފުރުސަތު ހޯދައިދޭ ކަމަށެވެ. މީގެ އިތުރުން، ޔޫތު ފުޓްބޯޅައިގައި ވެސް ފަހުގެ ޓެކްޓިކްސް އަށް ކުޅުންތެރިން ހޭނުވުމާއި ކަންކަން ރޭވިގެން ކުރިއަށްދާ ކަމަށް މަޓިޗް ވަނީ ބުނެފަ އެވެ.
"އެކަމަކު، އިޓަލީގައި އަދިވެސް ބުނެދެނީ ތިން ޑިފެންޑަރުންނާ އެކު ކުޅެން، އެޓޭކިން ރޭވުންތަކެއް ނުފެނޭ،" މަޓިޗް ބުންޏެވެ. "އިޓަލީ ފުޓްބޯޅަ އަށް ފަހުގެ ބަދަލުތައް ނާންނަ ކަމަށްވާނަމަ، އަދިވެސް މި ގައުމުގެ ފުޓްބޯޅަ ދާނީ އެހެން ގައުމުތަކަށް ވުރެން ފަހަތަށް،"
އިޓަލީ ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ފަބިއޯ ކަނަވާރޯ އާއި އަލެސަންދްރޯ ޑެލްޕިއޭރޯ ވެސް ވަނީ، އިޓަލީގެ ފުޓްބޯޅައިގެ ގްރާސްރޫޓުން ބަދަލު އަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
އޭސީ މިލާންގެ ސީނިއާ އެޑްވައިޒަރެއްގެ ރޯލުގައި ހުރި ސްވިޑެންގެ ތަރި، ޒްލަޓަން އިބްރަހިމޮވިޗް އާއި އިޓަލިއަން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯމޯގެ ކޯޗު، ސްޕެއިންގެ ސެސްކް ފަބްރެގަސް ވެސް ވަނީ އިޓަލީ ފުޓްބޯޅައިގެ މައިގަނޑު ބަދަލު އަންނަން ޖެހެނީ އެކަޑަމީތަކުގައި ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ފާހަގަކޮށްފަ އެެވެ.
އިޓަލީ ފުޓްބޯޅައިގައި އަދިވެސް އޮތީ 1990 ގެ ވިސްނުންތަކެއް: މަޓިޗް އިޓަލީ ފުޓްބޯޅައިގައި އަދިވެސް އޮތީ 1990 ގެ ވިސްނުންތަކެއް: މަޓިޗް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ