ފުރަބަންދުގައި ކަރަންޓު ބިލްތައް ކުޑަ

ފުރަބަންދުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަށް ބިލްކޮށްފައި ވާނީ ކަރަންޓް ބޭނުންކުރި ވަރަށް ވުރެ ކުޑަކޮށް ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިކަން ސަރުކާރުން ހާމަކުރެއްވީ، ކަރަންޓުގެ ޚިދުމަތާއި ގުޅޭގޮތުން އެންވާރަމެންޓް މިނިސްޓްރީއާއި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއާއި، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ، މާރޗުމަހަށް ފަހު އަންނަ ދުވަސްތަކުގައި ގޭބިސީތަކުގެ ކަރަންޓު ބިލްތައް ބޮޑުވާ މައްސަލައަކީ ކޮންމެ އަހަރަކުވެސް ކުރިމަތިވަމުންދާ މައްސަލައެއް ކަމަށެވެ. މިކަން މިގޮތައް މެދުވެރި ވަނީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއްކަމުން މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުުރުވާތީކަން ރައްޔިތުން ޤަބޫލުކުރަންޖެހޭކަން އަހުމަދު އަލީ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް ވަނީ ވޭތުވެ ދިޔަ ތަނުގައި އަދި ވަކިން ޚާއްސަކޮށް ފުރަބަންދުގެ ޙާލަތުގައި ބިލްތައް ތައްޔާރުކުރަމުންދިޔަ ގޮތް ތަފްސީލްކޮށްދީފައެވެ.
ފުރަބަންދުގައި ދިމާވި އިޤުތިޞާދީ ލޮޅުމުން އަރައިގަތުމަށް ކަރަންޓު ބިލާއި ފެން ބިލުން ސަބްސިޑައިޒްކުރަން ނިންމުމުން ބިލްތައް މި ދުވަސްވަރު ކުޑަވިކަމުގައި ވީނަމަވެސް، މި މަހުގެ ބިލް އަނެއްކާވެސް ބޮޑުވާނެކަން އަހުމަދު އަލީ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ދުވަސްވަރު ފުރަބަންދުގައި ކަރަންޓު ބޭނުންކުރި ވަރަށް ބަދަލު ނުގެނެސްފި ނަމަ މިކަން ފެންމަތިވާނެ ކަމަށެވެ. އަހުމަދު އަލީ ވަނީ ފުރަބަންދުގައި ކަރަންޓު ބޭނުން ކުރިވަރަށް ކުޑަކޮށް ބިލްތައް ހެދިފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މިގޮތައް ކަންތައް ވެގެންދިޔަ ގޮތުގެވެސް ތަފްޞީލް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
"އަޅުގަނޑުމެން ފުރަބަންދުގައި ދެ ގޮތެއް ހުޅުވާލީ. ފުރަތަމަ ބިލް ރީޑިންގް ނަގަން ނުދެވޭތީ ކަރަންޓް މީޓަރު ފޮޓޯ ފޮނުވައިގެން ބިލް ހެދުން. ދެން ކުރީ ތިން މަހުގެ ބިލް އެވްރެޖް ނެގުން. މިގޮތައް ބަލާއިރު ޖެނުއަރީ އަދި ފެބްރުއަރީ މަހަކީ ހޫނު މަޑުވުމުން ބިލް ކުޑަ ދެމަސް، މާރޗްމަހުގައި ހޫނު ގަދަވުމުން ބިލްތައް ބޮޑުވާނީ. އެހެންކަމުން އެވްރެޖް ނަގާފައިވަނީ ބިލް ކުޑަ 2 މަހާއި ބިލް ބޮޑު އެއް މަހުގެ ބިލް. މި ސަބަބައްޓަކައި ފުރަބަންދުގައި ބިލްކުރެވުފައިވަނީ ކަރަންޓު ބޭނުންކުރިވަރަށް ވުރެ ކުޑަކޮށް" އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވިއެވެ.
ހޫނު ގަދަ ދުވަސްވަރާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ކަރަންޓް ބިލް ބޮޑުވުމުގު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ކަރަންޓް ބިލް ބޮޑުވާ ސަބަބު ދެނެގަތުމަށް 700 އަށްވުރެ ގިނަ ގޭބިސީ އާއި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް ދިރާސާއެއް ކުރިކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ހާމަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ