ކަރަންޓު ބިލް ބޮޑުވީ ކީއްވެ؟

ކޮވިޑް-19 އާ ގުޅިގެން ލުއި ދިނުމުގެ ގޮތުން ސަރުކާރުން ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. މިއާއެކު ގިނަ ބަޔަކަށް މީގެ ލުއިކަން ލިބިގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ސްޓެލްކޯ އެކަނި 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން ދީފައިވާ 50 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޑިސްކައުންޓެއް ދިނެވެ. ނަމަވެސް އެންމެ ފަހުގެ ކަރަންޓު ބިލް އައިއިރު ބިލްތައް ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އަލަށް އައި ބިލްތައް ބޮޑުވީ ކީއް ވެގެން ހެއްޔެވެ؟
ފުރަތަމަ ކަމަކީ އާއްމުކޮށް ކަރަންޓު ބިލް ބޮޑުވުމުގައި ގިނަ ސަބަބު ތަކެއް ހުރެ އެވެ. ހަމަ ހުރެފަ ބިލް ބޮޑުވަނީއެއް ނޫނެވެ. އެހެންވެ، އެކަން ދިމާވާ ސަބަބުތައް އެނގުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އެންމެ ފަހުން އައި، ސްޓެލްކޯގެ ކަރަންޓު ބިލް ބޮޑުވި އެއް ސަބަބަކީ ސްޓެލްކޯގެ ބިލިން ސައިކަލް އިންނަ ގޮތުން ފަހުން ހަދާފައިވާ ބިލަށް ރޯދަ މަހުގެ ބައެއް ވަންނަ ގޮތަށް އިނުމެވެ. އަދި ރޯދަ މަހަކީ ކަރަންޓު އިތުރަށް ބޭނުން ކުރެވޭ މަހެއް ކަމަށްވުމެވެ. އެގޮތުން ނިސްބަތުން އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އާލާތްތައް ޖައްސާ އެއް މަހަކަށް ރޯދަ މަސް ވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ލޮކްޑައުންގައި ގޭގައި ތިބިއިރު ގިނަ އަދަދަކަށް ފްރިޖާއި އަވަން އަދި އޭސީ އާއި ފެން ހޫނުކުރާ ޖަގު ކަހަލަ އެއްޗިހި ބޭނުންކޮށްފައިވާނެއެވެ. އެހެންވެ މިއީ ވެސް ސަބަބެވެ. މިސާލަކަށް ފްރިޖެއްގެ ދޮރު ރޯދަ މަހު ހުޅުވާ ލައްޕާލެއް އިތުރުވާކަމަށްވާނަމަ، ކަނޑައަޅާފައި އޮންނަ ޓެމްޕަރޭޗަރުގައި ބެހެއްޓުމަށް ފްރިޖުން ނަގާނެ ކަރަންޓު އިތުރު ވާނެ އެވެ. މިއީ ވެސް ސަބަބެކެވެ.
ޑިސްކައުންޓް ދިނަސް، ޔޫސްއޭޖް ބޮޑު
ފުރަބަންދުގެ މުއްދަތުގައި ގިނަ ފަރާތްތަކުން ގޭގައި ތިބެން ޖެހުމުން، ގޭގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ، އެގޮތުން ގޭގައި ތިއްބަވާ އިރު، މި ދުވަސްވަރު ދިމާވީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހޫނު ދުވަސް ވަރަށްވުމުން، އޭސީ ފަދަ އެޕްލައެންސެސް ނިއްވާނުލާ ގިނަ އިރު ބެނުން ކުރެވެ އެވެ. އެހެން ކަމަށްވާނަމަ އެއީ ވެސް ކަރަންޓު އިތުރުވެގެން ދާނެ ކަމެކެވެ. އަދި 25 އަށް ވުރެ ދަށްކޮށް އޭސީ ބަހައްޓާނަމަ ރާއްޖޭގެ ރޫމްޓެމްޕަރޭޗާ ހުންނަ މިންވަރަށް ވުރެ ދަށްވާތީ އެ ޓެމްޕަރޭޗާ އަށް ކޮޓަރީގެ ފިނި ހޫނުމިން ބަހައްޓަން ކުރަންޖެހޭ މަސައްކަތް އިތުރުވެ، އިތުރަށް ކަރަންޓު ހިނގާނެ އެވެ.
ފުރަބަންދުގެ މުއްދަތުގައި ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް އެޕްރީލް އަދި މެއި މަހު ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓް ދެވުމުން، ދައްކަން ޖެހޭ އަދަދު ކުޑަވި، އެހެން ނަމަވެސް، އެ މުއްދަތުގައި ވެސް ކަރަންޓުގެ ޔޫސޭޖް ކުޑައެއް ނުވެ އެވެ. ބޭނުން ކުރި އަދަދު ދިޔައީ މަތިވަމުންނެވެ. ނަމަވެސް އޭރު ޝަކުވާ ނައީ ބިލުން ޑިސްކައުންޓް ދިނުމުންނެވެ. ސްޓެލްކޯއިން އެޕްރީލް އަދި މެއި މަހު ޑިސްކައުންޓުގެ ގޮތުގައި 54.7 މިލިއަން ރުފިޔާގެ ޑިސްކައުންޓްދީފަ އެވެ.
ދެ މަހަށް ޑިސްކައުންޓް ދީފަ
ބައެއް ފަރާތް ތަކުން މިހާރުގެ ބިލްގައި މެއި މަހުގެ ބައެއް ހިމެނޭތީ އެ ކަމަށް ޑިސްކައުންޓް ލިބެންޖެހޭކަމަށް ބުނަމުން ދެ އެވެ. އެހެން ނަމަވެސް، ބިލިން ސާއިކަލް އިންނަ ގޮތުން މާޗް މަހުގެ ބައެއް ވަނީ އެޕްރީލްގެ ބިލަށް ވަދެފަ އެވެ. އަދި އެ ބިލަށް ވަނީ ޑިސްކައުންޓުދީފަ އެވެ. އެހެންކަމުން ޖުމްލަ ދެ މަސް ދުވަހަށް ސަބްސިޑީ ވަނީ ދެވިފަ އެވެ.
ބައެއް ކަސްޓަމަރުންގެ ޝަކުވާ އަކަށް ގޭގައި އުޅޭ މީހުން މަދުވަމުން ވެސް ބިލް ކުޑަ ނުވާ ކަމުގެ ޝަކުވާ އޮވެ އެވެ. އެހެން ނަމަވެސް ގޭގައި އުޅޭ މީހުން މަދުވުމުން ބިލަށް ކުރާނީ ނިސްބަތުން ވަރަށް ކުޑަ އަސަރެކެވެ. މިސާލަކަށް ކުރިން 2 ކޮޓަރި އެޕާޓްމަންޓެއްގައި 8 މީހުން އުޅެފައި މިހާރު 4 މީހުން އުޅޭ އިރު ވެސް ބިލް ކުޑަ ނުވާ ކަމުގެ ޝަކުވާ އެކެވެ. އެހެން ނަމަވެސް އެ 2 ކޮޓަރީގައި ވެސް ކަރަންޓަށް ބޭނުން ކުރާ ވަސީލަތަކަށް މިސާލަކަށް ބޮކި، އޭސީ ފަދަ ތަކެއްޗަކީ ކިތަންމެ ބައިވަރު އަދި މަދު މީހަކު އުޅުނަސް ބޭނުން ކުރާނެ ވަސީލަތް ތަކެކެވެ. އެހެން ކަމުން އޭގެން ކުރާނެ އަސަރު ވަރަށް ކުޑަ ވާނެ އެވެ. މިއީ ހުސް ކަރަންޓު ބިލް ބޮޑުވި ސަބަބު ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ