ސުޕްރީމް ކޯޓުނަ އެންމެ ގިނަ މައްސަލަ ބެލިފައިވަނީ މިއަހަރު - އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރަކީ މިހިނގާ 2020 ވަނަ އަހަރުކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
 
އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ޚިތާބެއއްގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ދައުރުގެ މަސައްކަތްތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން، ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން މިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. 
އެގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބާއްވާފައިވާކަމާއި ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖަކީ 24 ކަމާއި، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ޙުކުމް ކުރެވި އަދި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 05 މައްސަލައެއް އިޖުރާއީގޮތުން ބަލާފައިވާކަމާއި، މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
 އުއްތަމަ ފަނޑިޔާރު އަޙްމަދު މުތަސިމް އަދުނާނު ދެއްވި ޚިޠާބުގައި އިތުރަށް  ވިދާޅުވީ  ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކީ، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފުގެ ޚިދުމަތްތައް މެދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރަމުންދާކަމަށެވެ.  އެގޮތުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލާވާލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ