މަޑިފުށީ ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، އެރަށު ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމުގައި، ޗުއްޓީ ދުވަސްވަރަށް ވުމާއެކު ގެދޮރު ތަޅުލާފައި އެހެން ތަނަކަށް ޒިޔާރަތްކުރާނަމަ ވިސްނަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނާއި، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި މޫދަށް އެރި އުޅުމާއި ދަތުރުދާއިރު ވިސްނަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރަށުގައި ހިނގާ ކުށްތަކާއި އެ ކުށްތަކުން ރައްކާވެތިބުމަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި ގެންގުޅޭ މުދަލަށް ރައްކާތެރިވެ ސަމާލުކަން ދިނުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން އަތުގައި ގިނަ ޢަދަދެއްގެ ފައިސާ ނުގެންގުޅުމަށާ އޭގެ ބަދަލުގައި އެކައުންޓަށް ފައިސާ ޖަމާކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ ނަންބަރަތަކުން ގުޅައި ފައިސާއާއި ބެހޭ މުޢާމަލާތެއް ކޮށްފިނަމަ އެކަމަށް ޚާއްސަ ސަމާލުކަމެއްދީ ކަމާބެހޭ ފަރާތަށް އެކަންކަން އެންގުމަށް އިރުޝާދު ދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަންދޭންވީ ކަންތައްތަކުގެ އިތުރުން ކުޑަކުދިން ގޮވައިގެން އުޅޭމީހުން ސަމާލުކަންދޭންވީ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ހިިމެނޭ ލީފްލެޓްތައް ބަހާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ