އައްޑޫ ވަކި ދައުލަތަކަށް ހެދުމަށް ދެއްކި ވާހަކައަކީ ބަޣާވާތްތެރި ރޭވުމެއް: ހޯމް މިނިސްޓްރީ

އައްޑޫ ސިޓީ ވަކި ދައުލަތަކަށް ހެދުމާ ބެހޭ މަޝްވަރާތަކެއް ކުރުމަކީ ހީލަތްތެރި ރޫހުގައި ރޭވުނު ބަޣާވާތްތެރި ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. އައްޑޫ ސިޓީ ވަކި ދައުލަތަކަށް ހެދުމާ ބެހޭ މަޝްވަރާތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އައްޑޫ ރައްޔިތުންތަކެއް ކުރައްވައި އޯޑިއޯއާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެ އަމަލަކީ ދިވެހިންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށާއި ޒަމާނުއްސުރެން ދިވެހިންގެ މެދުގައި އޮތް އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށް ލޮޅުން އަރާނެ ފަދަ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެ ނާތަހުޒީބީ އަމަލު ހިންގާފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ދައުރުވި ހަބަރުތަކުން އެނގޭތީ، އެފަދަ ބޭފުޅަކު މިފަދަ އަމަލެއް ހިންގުމަކީ ދިވެހި ރައްޔިތުން އިތުރަށް ކަންބޮޑުވެ ހިތާމަކުރާކަމެއްކަމުގައި ދެކެމެވެ. "މި އަމަލަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ޣައިރު ގާނޫނީ އަމަލެކެވެ. މި އަމަލަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ތެރެއިން ވަރަށް ނުރައްކާތެރި އަމަލެކެވެ. މިއަމަލަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ފެންނަމުންދާ ފަދަ ވަކިވެގަތުމުގެ ހީލަތްތެރި ރޫހުގައި ރޭވުނު ބަޣާވަތްތެރި ރޭވުމެކެވެ،" ބަޔާނުގައިވެ އެވެ. ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިއަމަލު ހިންގާފައި ވަނީ އަމިއްލަ އެދުމާއި މަވެތިކަން އިސްކޮށް އަމިއްލަ ޒާތީ ކަންކަން ހާސިލް ކުރުމަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް ކުރުމުގެ ނުރައްކާތެރި ނިޔަތެއްގައި ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި އަމަލުތައް ނުހިންގުމަށާއި މިފަދަ އަމަލުތައް ހުއްޓާލުމަށް މިހިނދުން މިހިނދަށް ގޮވާލައި ނަސޭހަތްތެރިވާ ކަމަށް ބުނެފައިވެ އެވެ. މިދިޔަ އާދީއްތަ ދުވަހު މީސް މީޑިއާގައި ދައުރުވަމުން ދިޔަ އޯޑިއޯގައި ވާ ގޮތުން އައްޑޫ އަތޮޅަކީ ވަކި ދައުލަތެއް ގޮތުގައި ހަދަން ރައީސް ނަޝީދާ އެކު މަޝްވަރާ ކުރެއްވީ އައްޑޫ ސިޓީގެ ކައުންސިލަރުން ތަކެކެވެ. އެނގިފައިވާ ގޮތުން އެ ވާހަކަތަކަކީ މިއަހަރުގެ ކުރީ ކޮޅު ކޮލަމްބޯގައި ރައީސް ނަޝީދު ހުންނަވައި ދެއްކެވި ވާހަކަތަކެކެވެ. އެ އޯޑިއޯގައި ދިވެހި ދައުލަތުން ވަކިވެ، ވަކި ދައުލަތެއް ހަދަން ހިނގާށޭ އައްޑޫ ރައްޔިތަކު ބުނުމުން ރައީސް ނަޝީދު ވިދާޅުވީ، "ހަތިޔާރު ނެތިއްޔާ ވަތްކެތް ނުވެވޭނެ" ކަމަށެވެ. އަދި އެ ވީޑިއޯގައި އައްޑޫ ބެރެކްސްގައި ތިބި ސިފައިން ތިބީ ކިހިނެއްތޯ ނަޝީދު އައްސަވަ އެވެ. އެ ހިސާބުން ފުވައްމުލަކުގައި ތިބި ސިފައިން ވެސް ހިމެނޭ ގޮތަށް "ޖެއްސިދާނެ" ކަމަށް އައްޑޫ މީހަކު ބުނެ އެވެ. ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ، ދިވެހި ދައުލަތަށް ލިބިގެންވާ މުސްތަގިއްލުކަމާއި ދައުލަތުގެ ހާއްސަ ސިފަތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވަނީ ސާފުކޮށް ބަޔާންކުރެއްވި އެކަށައެޅިފައި ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި އެއްވެސް ގޮތަކުން ވަކިވެގަތުމަށް ބާރުލިބޭ އަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ބަޔާނުގައި ބުނެ އެވެ. "ދިވެހިދައުލަތުގެ މުސްތަގިއްލުކަމާއި، ދިވެހިރައްޔިތުން ބަލައިގެންފައިވާ އިސްލާމީ އަގީދާއަށް ލޮޅުން އަރުވާލުމަށް ގައުމުގެ އެތެރެއިންނާއި ބޭރުން، އުފަންކުރެވޭ އެއްވެސް ހިޔާލާތަކަށް ޖާގަ ނުދިނުމަށާއި ޣައްދާރުންގެ ހީލަތްތެރި ރޭވުންތަކާއި އަމަލުތަކަށް އެއްބާރުލުން ނުދިނުމަށް، މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ." ހޯމް މިނިސްޓްރީގެ ނޫސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ