އާ ޤާނޫނު އަސާސީ އަކީ އިސްލާމީ އަސާސްތަކުގެ މަތީގައި ރާއްޖެ ބޭއްވުމަށް ރައްޔިތުން ދުށް ހުވަފެނެއް
އާ ޤާނޫނު އަސާސީ އަކީ އިސްލާމީ އަސާސްތަކުގެ މަތީގައި ރާއްޖެ ބޭއްވުމަށް ރައްޔިތުން ދުށް ހުވަފެނެއް ކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމާ ގުޅޭ މަހާސިންތާ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ އަސާސްތަކުގެ މަތީގައި ޤާއިމްވެފައިވާ، މިނިވަން ޑިކޮމްރެޓިކް ޤައުމަކަށް ހެދުމަށްޓަކައި، 2008 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ގާނޫނު އަސާސީއަކީ ރައްޔިތުން ދެކުނު ހުވަފެނެއްކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަބުރުގެ ހިމާޔަތް ލިބިދޭނެ ގާނޫނީ ވެއްޓެއް ކަށަވަރު ވެފައި އޮތުމަކީ ކޮންމެ ރައްޔިތެއްގެ އުންމީދުކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ވިޔަފާރިކުރާ ފަރާތްތަކަށާއި، އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން އިތުރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށްދީ، ކުށްތައްކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ލިބި، އަދި ކުއްތަކުން އަނިޔާލިބޭ ފަރާތްތަކުގެ ޙައްޤު ހިމާޔަތްކުރެވިފައިވާ ނިޒާމެއް ބައްޓަން ވެފައިއޮތުމަކީވެސް ކޮންމެ ރައްޔިތެއްގެ އެދުން ކަމުގައި ފާހަގަކުރެއްވިއެވެ.މިގޮތުން، 2008 ގެ ޤާނޫނު އަސާސީން ރާއްޖެއަށް ގެނެވުނު ބަދަލުތައް ފުރިހަމަކުރުމުގައި ގިނަ މަސައްކަތެއް އަދިވެސް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކުރުމުގައި، އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތާ، މިނިވަން ތަހުޒީބީ މުޖުތަމަޢުތަކުގައި ޤަބޫލްކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެއުޞޫލުތަކުގެ މައްޗައް ޢަމަލުކުރެއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގަތެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މުޖްތަމަޢުގެ އާންމު ސަލާމަތްތެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ޙައްޤެއް ކަމަށާއި، ތަހްޒީބީ މުޖްތަމަޢުއެއްގެ މައިގަނޑު އެއްރުކުން ކަމުގައި ބަޔާންކުރެއްވިއެވެ. މިގޮތުން، ފިރިހެނަކަސް، އަންހެނަކަސް، ޢުމުރުން ދުވަސްވީ މީހެއް ވިޔަސް ނުވަތަ ޒުވާނެއް ވިޔަސް ކުށެއް ކޮއްފިކަމުގައި ވާނަމަ، އެކުށަކަށް ކަނޑައެޅިފައިވާ އަދަބު، ލިބިދޭން ޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކުށްތައް ތަކުރާރު ކުރާ ފަރާތްތަތަކަށް، ކުއްތަކަށް އަރައިގަތުން ހުއްޓުވޭފަދަ އަދަބުތައް ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުޖްތަމަޢުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނުހަދާ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވައިލެއްވިއެވެ. މިގޮތުން، ރައްޔިތުންގެ މަޖްލިހާއި، ތަޙްޤީޤުކުރާ ފަރާތްތަކާއި، އަދި ޤާނޫނު ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ދިވެހި މުޖުތަމަޢުގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަމަށް އިސްކަންދެއްވައިގެން، ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުއެއްގެ ހައިސިއްޔަތުން އެބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމަށާއި، އިސްލާމީ މުޖުތަމަޢުއެއްގެ ހައިސިއްޔަތުން އެބޭފުޅުންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ