ޖުމްހޫރީ ޕާޓީ ވަކިވިއަސް ސަރުކާރަށް ދެރައެއް ނުލިބޭނެ: މައުމޫން
ވެރިކަންކުރާ ޕީޕީއެމާ އެކު ހެދި ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވިއަކަސް، ސަރުކާރު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް ދެރައެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ތިމާވެއްޓާ ބެހޭ ބައްދަލުވުމަކަށް އިންޑިއާގެ ނިއު ދިއްލީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބަށް ތިން ޕާޓީއާ ދޭތެރޭ ހެދި ކޯލިޝަންގައި އަދިވެސް ދެ ޕާޓީ ދެމިއެބައޮތް ކަމަށެވެ. އެ މަނިކުފާނު އެ އިޝާރާތްކުރެއްވީ ޕީޕީއެމާއި އެމްޑީއޭ އަށެވެ. ކޯލިޝަނުން ވަކިވީ ޖުމްހޫރީ ޕާޓީ އެވެ. "ޕީޕީއެމާ އެމްޑީއޭ ދޭތެރޭގައި އޮތް ކޯލިޝަން މިއޮތީ ވަރަށް ވަރުގަދަކޮށް، ޖޭޕީއާ މެދު އޮތް ކޯލިޝަން މާކުރިން ހިނގައިދިޔަ މައްސަލައަކާ ގުޅިގެން އެ ކޯލިޝަން މިއޮތީ ނިމުމަކަށް އައިސްފައި. އެހެން ނަމަވެސް މިއީ ކޯލިޝަން ސަރުކާރެއް، ވަރަށް ވަރުގަދަކޮށް މިއޮތީ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ ގުޅިގެން ދައްކަނީ "މާ ހަމަޖެހޭ ވާހަކަތަކެއް ނޫން" ކަމަށެވެ. ގާނޫނު އަސާސީއާ ސަރުކާރުން ހިލާފުވަމުންދާ ކަމަށް ބުނާއިރު ގާނޫނުއަސާސީއާ ހިލާފަށް ކުރީ ކޮން ކަމެއްކަން ނުބުނެވޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "މިހާރުގެ ސަރުކާރަކީ ގާނޫނުއަސާސީ އަށް ފުރިހަމަ އަށް ހުރުމަތްތެރިކޮށް ހިތާ، ގާނޫނުއަސާސީގައިވާ ގޮތަށް ކަންތައްތައް ކުރާ ސަރުކާރެއް. އެހެންކަމުން މިކަމަކުން [ޖޭޕީ އާއި އެމްޑީޕީ ގުޅިގެން ކުރާ މަސައްކަތުން] އަޅުގަނޑުމެންނަށް ވާނެ ދައްޗެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މަޝްވަރާކުރެއްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ. އެ ގުޅުމަކީ ޒަމާނުއްސުރެ ވަރަށް ރަހުމަތްތެރި ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތަށް މުހިއްމުކަމެއް ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ