ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ޑީއާރްޕީ ޓިކެޓްގައި މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފާނެ ކަމަށް ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންނެވި ޑރ. ސައުދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް މައުމޫން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފާނެ ކަމަށް ބެލެވެނީ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި އުމަރު ނަސީރާއި އިލްޔާސް އިބުރާހިމްގެ މެދުގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެ، މަސްލަހަތަށްޓަކައި ކަމަށް ބުނެ، މައުމޫން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއެއް ބޭއްވުމަކީ ގައުމުގެ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޕާޓީގެ ކައުންސިލުން ނިންމައިގެން ނަމަވެސް ޕާޓީގެ ޓިކެޓްގައި ރައީސް މައުމޫން ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ޕްރައިމަރީއެއް ބޭއްވުމަށްވުރެ، ގައުމުގެ ހާލަތޭ ކިޔާފައި އެކަހަލަ އުޒުރުތަކެއް މެދުވެރިކޮށްގެން ޕްރައިމަރީއެއް ނުބާއްވަން މަގުފަހިވާނެ ހުރިހާ ހުއްޖަތެއް މެދުވެރިވުން އެއީ އެކަށީގެންވާ ކަމެއް،" ޕީޕީއެމްގެ ކައުންސިލަށް ރައީސް މައުމޫން އައްޔަން ކުރައްވާފައި ވަނިކޮށް ޕާޓީން ވަކިވެވަޑައިގެންނެވި ޑރ. ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން މިހާރު ބައްޓަން ވެފައި ވަނީ ދެ ފިކުރެއްގެ މައްޗަށް ކަމަށެވެ. އެއީ ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްވި ދުވަސްވަރު، ރާއްޖޭގައި ދެ ފިކުރު އޮތް ގޮތަށް މައުމޫންގެ އަރިހުގައި އުޅުއްވި ބޭފުޅުން މިހާރު ތިއްބެވީ ކޮންމެވެސް ގޮތަކުން އެއް ފަރާތަށް ބުރަވެގެން ކަމަށެވެ. އެ ގޮތުން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދުއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ތިއްބެވީ މިހާރުގެ އިއްތިހާދުގެ ސަރުކާރާއެކީ ބަނދެވިފައި ކަމަށެވެ. އަދި އެއީ އެއް ފިކުރެއްގެ ގޮތުގައި ބެލެވޭ އިރު، އެ މީހުންގެ ތެރޭގައި އެންމެ ބުރަދަން ހުރި މީހަކީ ރައީސް މައުމޫން ކަމަށެވެ.
އެމްޑީޕީ އުފެދިގެން އައި އިރު އެ ޕާޓީގެ އެތެރޭގައި ތިބި އިލްމީ ގާބިލް ބޭފުޅުން އެކަހެރިކޮށްލައި، ޕާޓީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުއްވެވި ގޮތަށް މިހާރު ވެސް އެ ކަން އިޔާދަވަމުން އަންނަ ކަމަށް ސައުދު ވިދާޅުވި އެވެ. އެހެންކަމުން ރައީސް މައުމޫނާ ދެކޮޅަށް ތެދުވާން ހުންނެވީ ރައީސް ނަޝީދު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތްނަވާނެ ކަމަށް ބުނެ، ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޑރ. ސައުދު ވިދާޅުވީ ޕީޕީއެމް ބައްޓަންވެފައިވާ ގޮތުން ރައީސް ވަހީދަށް ޕީޕީއެމްގެ ތެރެއިން ޖާގައެއް ނެތް ކަމަށެވެ. އެމަނިކުފާނު ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު "މަޅި"އެއްގެ ތެރެއަށް ފުންމާލުން ކަމަށް ސައުދު ސިފަ ކުރެއްވެވި އެވެ.
"ރައީސް ޑރ. ވަހީދަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ކްލިއާ ނުވާ [ސާފުނުވާ]، އެކަމަކު އުންމީދު ލިބޭ ފަދަ ބަސްފުޅެއް ވިދާޅުވެފައި އޮވެދާނެ. އެކަމަކު ރައީސް ވަހީދަށް ޕީޕީއެމްގެ ތެރޭގައި އެޖާގައެއް ނީންނާނެ. ޕީޕީއެމްއާ ގުޅިވަޑައިގެން ރިޔާސީ ކެންޑިޑޭޓަށް ވެދާނެ ކަމަށް އުންމީދު ކުރައްވައި ރައީސް ވަހީދު އެގޮތަށް މަސައްކަތް ކުރައްވަންޏާ އެއީ ވަރަށް ބޮޑު ވޭސްޓެއް. ވަރަށް ބޮޑު މަޅިއެއްގެ ތެރެއަށް އެމަނިކުފާނު އެ ފުންމާލައްވަނީ،" ޑރ. ސައުދު ވިދާޅުވި އެވެ.
ރައީސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފާނެ: ޑރ. ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ