ކުށުގެ ތުހުމަތު ކުރެވޭ މެންބަރުން ތިބެނީ ޝަރުއީ ދާއިރާގެ ސަބަބުން: މެންބަރު ނަޝީދު

ކުށުގެ ތުހުމަތު ކުރެވޭ މީހުން ރައްޔިތުންގެ މަޖިލީހުގައި ތިބުމަކީ މަޖިލީހަށް ފާޑުކިޔުން އަމާޒުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ އަމިއްލަ ބުލޮގް "އެމްނަޝީދުޑޮޓްކޮމް"ގައި މިއަދު ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ މަޖިލީހުން ނިންމާ ނިންމުންތައް ބަލައިގަންނަން ރައްޔިތުންނަށް އުނދަގޫވަނީ، ރައްޔިތުންގެ މަޖިލީހުގައި ތަފާތު ކުށްތައް ކުރާކަމަށް ތުހުމަތުކުރެވޭ މީހުން ތިބުމުން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެފަދަ މީހުން މަޖިލީހުގައި ތިބެނީ މަޖިލީހުގެ މައްސަލައަކުން ނޫން ކަމަށެވެ.
"އެމީހުން ރައްޔިތުންގެ މަޖިލީހުގައި އެތިބެނީ، ޖިނާއީޢަދުލުގެ ނިޒާމުގެ އެކި ހަރުފަތްތަކުން އެމީހުންގެ މައްސަލަތައް ދަތުރުކުރުމުގައި ދިގު މުއްދަތުތަކެއް ނަގާތީ، އެ މުއްދަތުގެތެރޭގައި ގިނަ ވަގުތުތަކެއް ފާއިތުވާތީ، އެ ވަގުތު ގުނެމުންދާ ދިޔުމުގައި. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގައި، ކުށުގެ ތުހުމަތުކުރެވޭ މީހުން ތިބިނަމަ، އެމީހުން މަޖިލީހުގައި އެތިބެނީ، މަޖިލީހުގެ މައްސަލައަކުން ނޫން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ، ކުށުގެ ޢަމަލުން ބަރީއަވެގެންވާ ބައެއް ނޫން ކަމަށާއި، ކުށެއް ކޮށްފިނަމަ، އެ ކުށުގެ ދަޢުވާއިންވެސް ބަރީޢަވާ ބައެއް ނޫން ކަމަށެވެ. އަދި، ކުށުގެ ޢަމަލެއް ސާބިތުވާނަމަ، އެ ކުށުގެ އަދަބުންވެސް މެންބަރުން ބަރީޢަނުވާއިރު ކުށެއް ކޮށްފިނަމަ މެންބަރެއްގެ މައްޗަށް އެ ކުށެއްގެ ތަހުގީގު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލީޔަތެއް ނޫން ކަމަށެވެ.
"އެކަންކަން ކުރަނީ، މަޖިލީހުން ބޭރުން، ދައުލަތުގެ ޖިނާއީޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަފާތު މުއައްސަސާތަކުން. ތަޙުޤީޤުކުރަނީ، ތަޙުޤީޤުކުރުމުގެ ބާރު އޮތް މުއައްސަސާތަކުން. ދަޢުވާކުރަނީ އެކަން ކުރުމުގެ ބާރު އޮތް މުއައްސަސާއިން. މައްސަލަ ހިންގައި، ކުށް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ކަނޑައަޅަނީ ކޯޓުތަކުން. އަދި، ސާބިތުވާނަމަ، ކުށުގެ އަދަބު ކަނޑައަޅަނީ ވެސް ކޯޓުތަކުން." ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މެންބަރުންގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅާނަމަ، މަޖިލީހާމެދު މިހާރު ވާހަކަދައްކާ ގޮތަށް ވާހަކަދެއްކުމަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ މެންބަރުންވެސް، ކުށެއް ނުކުރާނަމަ، ތުހުމަތުގައި އަބަދު ތިބޭކަށް ނުޖެހޭނެ ކަމަށާއި ކުށެއް ކޮށްފައިވާނަމަ، އަދަބު ނުލިބިވެސް މާގިނަދުވަހު ތިބޭކަށް ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ