މައުމޫން އެދިވަޑައިގަތް ޔައުމިއްޔާތައް ޕާޓީ އޮފީހާ ހަވާލުކުރަން އަނެއްކާވެސް އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާ ގޮތަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ޕާޓީ އޮފީހަށް ފޮނުވައިދޭން މިއަދު އަނެއްކާ ވެސް އަންގައިފި އެވެ.
ވެރިކަންކުރާ ޕީޕީއެމް ހަރުދަނާކުރަން މައުމޫން ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމްގެ ބޭނުމަށް، ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވައިދޭން ފުރަތަމަ އެދިވަޑައިގެންނެވީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި މައުމޫން އެދިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ.
އެކަމަކު އެ މުއްދަތުގައި ނިހާން ޔައުމިއްޔާތައް ފޮނުއްވައިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުއަލީމް ސޮއިކުރައްވައި ނިހާނަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ. އެކަމުގައި އެއްވެސް ކަހަލަ ދަތިތަކެއް ކުރިމަތިވާނަމަ، އެ ދަތިތައް ހައްލުކޮށްދޭން ޕާޓީ އޮފީހުން އެހީތެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމް ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ