ޔާމީންގެ އަބުރާ ބެހުނު ކަމަށް ހާމަ ނޫހުގެ އެޑިޓަރުގެ މައްޗަށް ސާބިތުވެ، ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމްކޮށްފި
19:00ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަބުރާ ބެހުނު ކަމަށް ހާމަ ނޫހުގެ އެޑިޓަރުގެ މައްޗަށް ސާބިތުވެ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަތް ދުވަހުގެ ތެރޭ 5،000ރުފިޔާ ދެއްކުމަށް މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ.ގާޒީ މަރިޔަމް ނިހާޔަތު ބުރާސްފަތި ދުވަހު ކޮށްފައިވާ އެ ހުކުމުގައި ބުނެފައި ވަނީ "ޔާމީންގެ އެޗްއެސްބީސީ އެކައުންޓެއްގައި 32 މިލިއަން ޔޫއެސް ޑޮލަރު ހުރި ކަމަށް ބުނާ ބޭންކް ސްޓޭޓްމަންޓެއް ލީކުވެއްޖެ" އެ ސުރުހީގެ ދަށުން އިބްރާހީމް ވަހީދު (އަސްވާޑް) ލިޔެފައިވާ ހަބަރަކީ ތެދު ހަބަރެއް ކަމަށް ހާމަ ނޫހުގެ އެޑިޓަރު ސައިފަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.އެ ލިޔުމުގައިވާ ވާހަކަތަކަކީ "މަނަދޫ ލައިވް" ވެބްސައިޓުގައި ލިޔެފައިވާ އެއްޗެއް ކަމަށް ވިޔަސް ހާމަ ނޫހުގެ އާޓިކަލަކީ ހަމައެކަނި އެހެން މީހަކު ބުނި ބުނުމަކަށް ނުވަތަ އެހެން އެއްޗެއްގައި އޮތް ވާހަކައެއް އެ އެއްޗެއްގައި އޮތް ކަމަށް ހާމަކޮށްދޭ ބީދައަކުން ލިޔެފައިވާ ލިޔުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ލިޔުމަކީ ހާމަ ނޫހުގެ ފަރާތުން ކަނޑައެޅިގެން ވަކި މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޕަބްލިޝްކޮށްފައިވާ ލިޔުމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.ނޫހެއްގައި ލިޔާ ލިޔުމެއްގެ ސަބަބުން އެޑިޓަރުގެ މައްޗަށް އަބުރުގެ ދައުވާއެއް ކޮށްފިނަމަ، އެ ލިޔުން ޝާއިއުކޮށްފައި ވަނީ އެޑިޓަރުގެ އިހުމާލެއް ނެތިކަން ސާބިތުކޮށްދީފި ނަމަ އެއީ އެކަށީގެންވާ ދިފާއެއް ކަމަށް ވާނެ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް ސައިފް އަޒްހަރު އެ ދިފާއުގެ ބޭނުން ހިފާފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.ހާމަ ނޫހުގައި ލިޔެފައިވާ މައުލޫމާތު ހާމަކޮށްފައިވާ އެހެން ފަރާތްތަކާ މެދު ދަޢުވާކުރާ ފަރާތުން ދަޢުވާ ކޮށްފައިނުވުމަކީ ދަޢުވާކުރާ ފަރާތުގެ އަމިއްލަ އިޚްތިޔާރެއް ކަމަށާއި އިތުރު ފަރާތަކާ މެދު ދައުވާ ނުކުރުން އެއީ ހާމަ ނޫހުގެ މައްޗަށް ނުވަތަ ހާމަނޫހުގެ އެޑިޓަރުގެ މައްޗަށް ދައުވާކުރާ ފަރާތުން ކުރާ ދައުވާ ނުކުރުމަށް އޮތް ސަބަބެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.އެ ހުކުމުގައި ބުނެފައި ވަނީ، މާއްދީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ޔާމީން އެދިވަޑައިގެންފައިވާ އެކާވީސް މިލިއަން ހަތް ލައްކަ ހަތްދިހަ ފަސްހާސް ތިން ސަތޭކަ ފަސް ރުފިޔާ އަކީ ހަގީގަތުގައި ވެސް ކޮށްފައިވާ ނުވަތަ ހިނގާފައިވާ ހަރަދެއް ކަމަށް ޔާމީނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ދެ މިލިއަން ފަސްލައްކަ ހަތް ދިހަހާސް ރުފިޔާ ނަގައިދެން އެދިވަޑައިގެންފައިވީ ނަމަވެސް މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ނަގައިދެވޭނީ 100 ރުފިޔާ އާއި ފަސް ހާސް ރުފިޔާ އާ ދެމެދުގެ އަދަދެއްކަން އަބުރުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ ފައިސާ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭ މަދަނީ ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ވެސް އެހުކުމުގައި ބުނެފައިވެ އެވެ.ސައިފް އަޒްހަރުގެ އިތުރުން ޔާމީންގެ އެ މައްސަލައިގައި، ހާމަ ނޫހުގެ މަސްއޫލުވެރި ފަރާތް އެގްޒިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ހަބަރު ލިޔުނު ރިޕޯޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ޖަޒީރާ ނޫހުގެ މަސްއޫލުވެރިޔާ އަދި އެޑިޓަރު ފައްޔާޒް ފައިސަލް އާއި އެ ނޫހުގެ ކުރީގެ ލިޔުންތެރިޔާ އަދި މިހާރު ޓީވީއެމްގެ އެސިސްޓެންޓް އެޑިޓަރު އަހްމަދު މުހުސިންގެ މައްޗަށް ދައުވާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ