އިންތިގާލީ ސަރުކާރަކީ ނަޝީދު ވެރިކަމަށް އައުމަށް ރާވާފައިވާ މަކަރުވެރި ރޭވުމެއް: އުމަރު

އިންތިގާލީ ސަރުކާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް އައުމަަށް ރާވާފައިވާ މަކަރުވެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިގާލީ ސަރުކާރަކީ ރައީސް ނަޝީދު އަލުން ވެރިކަމަށް އައުމަށް ރާވާފައިވާ ރޭވުމެއް ކަމަށެވެ.
އުމަރުގެ ޓްވީޓްގައި އިތުރު ވާހަކައެއްވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އުމަރު ވިދާޅުވާ ވާހަކަ އަމާޒު ކުރައްވަނީ ކޮން ކަމަކަށް ކަމެއް ސާފެއް ނޫނެވެ.
ރާއްޖޭގައި މީގެ އަހަރު ތަކެއް ކުރިން ފެތުރިގެން ދިޔަ ނުރައްކާތެރި ދެ ބައްޔަކަށް އިޝާރާތްކުރައްވާ އުމަރު ވިދާޅުވީ 'ކޮލެރާ"އާއި "ޝިގެއްލާ"އާ ދެމެދުގައި ވެސް ކުޑަ ތަފާތެއް ހުންނަ ކަމަށެވެ. ނަމަވެސް އެ ދެ ބައްޔަކީ ވެސް "ވޭންގަދަ" ދެ ބަލި ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
އުމަރު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ "އިންތިގާލީ ސަރުކާރެއްގައި މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުންވެސް އަޅުގަނޑުމެންނާއެކު ތިއްބަވާނެ" ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ހަަބަރެއް ވީއޮންލައިންގައި އިނގިރޭސި ބަހުން މިއަދު ޝާއިއުކުރުމުން އެ ހަބަރުގެ ލިންކާ އެކު އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިއްޔެ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބުނެ ބީބީސީގައި ވެސް ރިޕޯޓުކޮށްފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު އިންޑިއަން އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ 2018 ގައި ރިޔާސީ އިންތިހާބު ބޭއްވެންދެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމަށްޓަކައި އިންތިގާލީ ބައެއް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެމަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން މިވަގުތު ހުންނެވީ ކަންކަމުން ދިފާއުވެ ވަޑައިގެންނެވޭނެ ފަދަ މަގާމެއްގައެއް ނޫން. ވަރަށް އަވަހަށް އަނެއްކާވެސް ސްރީލަންކާއަށް ދަތުރު ކުރާނަން. މިވަގުތު ރާއްޖެއަށް ބޭނުންވަނީ ޑިމޮކްރަސީގެ އަސާސުތަކާ އެއްގޮތަށް ކަންކަން ހަމަޖެހިގެންދާ ސަރުކާރެއް. އެސަރުކާރު ގާއިމް ކުރުމަށް އުފައްދާ އިންތިގާލީ ސަރުކާރުގަ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ވެސް ހިމެނޭނެ. މައުމޫން ވެސް ހުންނެވީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ