ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުން މައުމޫން އަބްދުލް ގައްޔޫމް ވަކިކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައިގެން ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން އެކަހެރިކުރަން ޕީޕީއެމްގެ ކައުންސިލްގެ މައްޗަށް އަމުރު ކުރުމަށް އެދިވަޑައިގަތުމުންނެވެ.
ޔުމްނާ ކުރެއްވި ޓްވީޓްތަކެއްގެ ތެރެއިން ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ މަގާމުން ރައީސް މައުމޫން ދުރުކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން ޕާޓީގެ ރައީސްގެ މަގާމުން މައުމޫން ވަކިކުރުމަށް ވޯޓް ދީފި ނަމަ ކަމަށެވެ.
"އެހެން ގޮތަކަށް އެމަނިކުފާނު ދުރުކުރެވިގެން ނުވާނެ،" ޔުމްނާ ވިދާޅުވެފައިވެ އެވެ.
ޕާޓީގެ ގައުމީ ޖަލްސާއެއް ނުބޭއްވި ލަސްވާ މައްސަލާގައި ބައެއް ފަރާތްތަކުން ރައީސް މައުމޫން ކުށްވެރިކޮށް ވާހަކަދައްކާތީ އެކަމަށްވެސް ޔުމްނާ ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ޔުމްނާ ވިދާޅުވީ މިދިޔަ އަހަރު ޕީޕީއެމްގެ ގައުމީ ޖަލްސާ ނުބާއްވާ ލަސްކުރީ މިދިޔަ އަަހަރު ފާހަގަކުރި މިނިވަން 50ގެ ރަސްމިއްޔާތަށް ޕީޕީއެމްގެ ގައުމީ ޖަލްސާގެ ސަބަބުން ހުރަސްއެޅިދާނެ ކަމަށް ސަރުކާރުގެ ތިއްބެވި ބޭފުޅުން ވިދާޅުވުމުން ކަމަށެވެ.
ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އިއްޔެ މަގާމުން ވަކިކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވުމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތު ތަކާއި ގުޅޭގޮތުންވެސް ޔުމްނާ ވަނީ ޓްވީޓް ކުރައްވާފަ އެވެ. އެގޮތުން ޕީޕީއެމްގެ އަސާސީ ގަވައިދާ ހަވާލާދީ ދުންޔާ ވިދާޅުވީ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ނައިބް ރައީސުންނަކީ ޕާޓީގެ ރައީސްއަށް އެހީތެރިވެ ދޭން ތިއްބަވާ ބައެއް ކަަމަށެވެ.
"އެހެންކަމުން ޕާޓީގެ ރައީސްއަށް ނޭނގި ނައިބް ރައީސް އަކަށް ޕާޓީގެ ގޮފިތަކަށް އެއްވެސް އެއްޗެއް ނޭންގޭނެ،" ޔުމްނާ ވިދާޅުވެފައިވެ އެވެ.
ޔުމްނާ އެކަމަނާގެ ބައްޕާފުޅުގެ ދިފާއުގައި ވާހަކަދައްކަވަމުން ގެންދަވާއިރު ޕީޕީއެމްގައި އިސްކޮށް ތިއްބެވި ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ގެންދަނީ ރައީސް މައުމޫންގެ އަމަލުފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ރައީސް މައުމޫން މަގާމުން ވަކިކުރެވޭނީ ގައުމީ ޖަލްސާގައި: ޔުމްނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ