ސަބްސިޑީ ނުދީގެން ކުރިނބީ ސަރުކާރު އިމާރާތްތަކުން ކަރަންޓް ކަނޑާލައިފި

ސަރުކާރުން ސަބްސިޑީ ނުދޭކަމަށް ބުނެ، ހދ. ކުރިނބީގެ ކައުންސިލުން އެ ރަށު ސަރުކާރު ހުރިހާ މުއައްސަސާތަކަކުން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުހަންމަދު އަފްރާހް ވިދާޅުވީ، މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުމުގައި ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށައަޅައި މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހަތަރު މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެން ކަރަންޓު ކަނޑާލާފައި ވަނީ ހެލްތު ޕޯސްޓާއި ސްކޫލާއި މިސްކިތްތަކާއި ކައުންސިލްގެ އިދާރާ އަދި މެޖިސްޓްރޭޓިވް ކޯޓުންނެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ސަރުކާރު އިމާރާތްތަކުން ކަރަންޓް ކަނޑާލަން ޖެހުނު މައިގަނޑު ސަބަބަކީ އިންޖީނުގެ ހިންގުމަށް މި ސަރުކާރުން އެއްވެސް ވަރަކަށް އެހީތެރިކަމެއް ދީފައިނުވާތީ ކަމަށެވެ.
"ކަރަންޓު ކަނޑާލަން ޖެހުނީ ރަށުގައި ހުރި އިންޖީނު ލޯޑު ބޮޑުވެ އަޅުގަނޑުމެންނަށް ހިންގެންނެތުމާ ގުޅިގެން. މިސަރުކާރުގެ އެހީއަށް ވެސް އެދިފަވާނީ. ނަމަވެސް އަދި މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީ ފައެއްނުވޭ. ދެން އަޅުގަނޑުމެން ކަރަންޓް ދެމުން މިދަނީ ބަނދަރު ހަދާ ސަރަހައްދުގައި ހުރި ވޯކްސް ކޯޕަރޭޝަންގެ 90 ކިލޯ އިންޖީނަކުން." މުހަންމަދު އަފްރާހް ވިދާޅުވި އެވެ.
އަފްރާހު ވިދާޅުވީ އެ ރަށަށް ކަރަންޓް ދެނީ ސަރުކާރުގެ ޖަނެރޭޓަރުތަކުން ކަމަށް ވިއަސް، މި ސަރުކާރު އައިފަހުން އިންޖީނުގެ ހިންގުމަށް އެއްވެސް އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ.
އަދި އެ ރަށު އިންޖީނުގެ ތަރައްގީކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށެވެ.
ސަރުކާރުގެ މުއައްސަސާތަކުން ކަރަންޓް ކަނޑާލާފައި ވަނީ ރައްޔިތުންގެ ރުހުމާ އެކުގައި ކަމަށް ވިޔަސް، ކަރަންޓް ކަނޑާލިތާ އެއްގަޑި އިރު ފަހުން އެމްޑީޕީ އަށް ސަޕޯޓްކުރާ އަށެއްކަ މީހުން ނުކުމެ ސަރުކާރުގެ ބައެއް މުއައްސަސާތަކަކަށް ވަނީ ކަރަންޓު ދީފަ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެ ތަންތަނަށް ކަރަންޓްދީފައިވާ، ކަރަންޓް ފޮށިތައް އެމީހުން ހިސޯރުކޮށް ހަމަނުޖެހުން ހިންގާ ކަމަށާއި އެހެންވެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ