ކޮވިޑް-19: ތިން ދުވަހުން އެއްދުވަހު ޒަރޫރީ ބޭނުމަށް ބޭރަށް ނިކުމެވޭނެ

މާލޭގައި ކޮވިޑް-19 ފެތުރެމުންދާތީ ބޭރަށް ނުނިކުމެވޭގޮތަށް ފުރަބަންދުކޮށްފައި އޮތްނަމަވެސް، ކޮންމެ ތިން ދުވަހުން އެއް ދުވަހު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ފުރަބަންދު އިއުލާނުކޮށްފައި އޮތްނަމަވެސް މާލޭގައި ޒަރޫރީ ބޭނުންތަކުން އާންމުންނަށް ކޮންމެ ތިން ދުވަހަކުން އެއްދުވަހު، ބޭރަށް ނިކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޑރ. ފައިރޫޝް ވިދާޅުވީ، މިގޮތަށް ހުއްދަ ދޫކުރި ނަމަވެސް ހުއްދަ ދޫކުރާ ފަރާތްތަކަށް ނިކުމެ އުޅެވޭނީ ވަކި ސަރަޙައްދެއްގައި ކަމަށާއި، މިހާރު މިކަމަށްޓަކައި މާލޭގައި 26 ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.
ފުރަބަންދަށް ގެންނަ މި ލުޔާއި އެކު، ބޭރަށް ނިކުތުމުގެ ހުއްދަ ދެވޭ ފަރާތްތަކަށް، އެފަރާތްތަކަށް ދެވޭނެ ސަރަޙައްދު، މެސެޖެއްގެ ޒަރިއްޔާއިން އަންގަމުންދާނެ ކަމަށް ވެސް ޑރ. ފައިރޫޝް ވިދާޅުވިއެވެ.
މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަނދުގެ މުއްދަތުގައި، ކޮންމެ ތިން ދުވަހުން އެއް ދުވަހު އާންމުން ޒަރޫރީ ބޭނުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފައި މިވަނީ، ފުރަބަންދާއި ގުޅިގެން ގިނަ ބަޔަކު ދަތިތަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑެލިވަރީ ޚިދުމަތް ނުލިބުމާއި އެކު ބޭނުންވާ ޒަރޫރަތްތައް ނުފުއްދި ގިނަބަޔަކު އުޅެމުންދާ މައްސަލަތައް ކުރިން ވަނީ ފެންމަތިވެފައެވެ.
މާލެ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ، މުޖުތަމަޢު ތެރެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެތުރެމުންދާކަން ޔަޤީން ކުރެވުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މިހާތަނަށް މާލެއިން އެކަނިވެސް 15 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް-19 ގެ 35 ކޭސް ފެންމަތިވެފައި ވެއެވެ. މާލެ ފިޔަވައި ދެންހުރި ކޭސްތައް ފެންމަތިވެފައި ވަނީ ރިސޯޓްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ