ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންތިގެ ބަޔާން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.
ސުޕްރީމް ކޯޓުގެ ޗިޓަކުން، އެކޯޓުގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް މިއަދު ހެނދުނު 08:30 އަށް ވަޑައިގެންނެވުމަށް އަންގާފައި ވާތީ، ޑީޖޭއޭއަށް ވަޑައިގެންނެވުމަށްފަހު ނުކުމެ ވަޑައިގެން އިންތި ވިދާޅުވީ ބަޔާނެއް ނެގުމަށްފަހު ފޮނުވާލައްވާފައިވާ ކަމަށެވެ.
އިންތި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ އޭނާ ދައްކަވަނީ ހެޔޮ ނިޔަތުގައި ކަމަށާއި ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެމައްސަލަތައް ހައްލުކުރަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިއަދު ހެނދުނު 08:30 ގައި ޑީޖޭއޭއަށް ވަޑައިގެންނެވި އިންތި ނިކުންނެވީ 11 ޖެހި ފަހުން ނެވެ.
ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް ޗިޓް ފޮނުވުމާ ގުޅިގެން އިންތި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ ބިރު ދައްކަން ކަމަށެވެ.
އިންތިއަކީ ޖުޑިޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަތައް އެންމެ ގިނައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމެޓީތަކުގައި ދައްކަވާ އެއް މެމްބަރެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް އިންތި ވިދާޅުވީ ބިރު ދެއްކުމަށް ޗިޓު ފޮނުވި ނަމަވެސް، ފަނޑިޔާރުގެ އިސްލާހު ކުރުމަށް ވާހަކަދެއްކުން ހުއްޓާ ނުލައްވާނެ ކަމަށެވެ.
އިމްތިޔާޒް ގެންދަވަނީ ވަރަށް ބޮޑަށް ސްޕްރީމްކޯޓަށް ފާޑުވިދާޅުވެ އެކި ފޯރަމްތަކުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަޖިލީހުގައި ވެސް ސްޕްރީމް ކޯޓަށް ފާޑުވިދާޅުވެފައިވާއިރު، ގައުމާއި ދަރިންގެ ހައްގާއި ކުރިމަގަށް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކަންޖެހޭ ކަމަށާއި، އޭނާ ހަލާކުވެދާނީ ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކައިގެން ކަމަށްވެސް އިންތި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.
ރާއްޖެޓީވީގައި އިންތި ވިދާޅުވީ ފަނޑިޔާރުގެއާބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ކުށެއް ނޫން ކަމަށާއި ފަނޑިޔާރުން ވަކި ކުރެވޭނެ ވާހަކަ ދެއްކުން ވެސް އެއީ ކުށެއް ނޫން ކަމަށެވެ. ކުށަކަށް ނުވާ ކަމެއްގައި ބިރު ދައްކައި، މައްސަލަ ބެލުމަށް ތަންތަނަކަށް ނުވެސް ގެންދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިއްތިގެ އިތުރުން މިފަހުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު އާއި ގާނޫނީ ވަކީލު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވާ މޫސާ ސިރާޖު ވެސް ޗިޓް ފޮނުވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ