ސްޕްރީމް ކޯޓަކީ ވަކަރު ގެއެއް - އިންތި

ރާއްޖޭގެ ސްޕްރީމް ކޯޓަކީ ވަކަރުގެ އެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށާއި، އެތަން އިސްލާހް ވާން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އާ ގާނޫނު އަސާސީގެ ކުރިން ފަނޑިޔާރުކަން ކުރި ފަރާތްތަކަށް އަނެއްކާވެސް އިނާޔަތްތަކެއް ދޭން ހުށަހެޅި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިންތި ވަނީ ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"މި ރާއްޖޭގެ ސުޕްރީމް ކޯޓަކީ ހާއްސަ ގޮތެއްގައި ވަކަރުގެ. ހަމަ ވަކަރުގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ. މިކަން އިސްލާހުވާންޖެހޭނެ. ރާއްޖޭގެ ރައްޔިތުންނަށް ހައްގުވަނީ މި މިންވަރުގެ ސުޕްރީމް ކޯޓެއް ނޫން، ފަނޑިޔާރުގެ އަޅުގަނޑުމެން މިނިވަން ކުރާނަން. އަޅުގަނޑުމެން މި އުޅެނީ ފަނޑިޔާރުގެއާ ޖައްސާލާކަށް ނޫން. އަޅުގަނޑުމެން ލޯބިވަނީ ފަނޑިޔާރުގެ ދެކެ. އަޅުގަނޑުމެން އިންސާފު ދެކެ ލޯތްބެއް ނުވާނެތޯ. އަޅުގަނޑުމެންގެ ދަރީންނަށްޓަކާ އިންސާފު ކަށަވަރުކޮށްދޭން ބޭނުމެއް ނުވާނެތޯ. މި ރާއްޖޭގައި މި ހިނގަނީ ފަނޑިޔާރު ގެއެއްތޯ" އިންތި ވިދާޅުވިއެވެ.
އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ އިރު، އިންތިއަކީވެސް އެމަޖިލީހުގެ މެމްބަރެކެވެ. އެމްޑިޕީން މަޖިލީހަށް އެޖެންޑާ 19އާއެކު ނުކުންނަ އިރު، ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އޭގެ އެއް ގާނޫނީ އޮނިގަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ