ކުރީގެ މެންބަރުންގެ އިނާޔަތްތައްް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތްތައްް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއްނެރެފިއެވެ.
ތްރީލައިން ވިޕަކީ ޕާޓީން ވަކި ކަމެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ބޭނުންވާކަން އެންގުމުގެ ގޮތުން މަޖިލީސް މެމްބަރުންނަށް ޕާލިމެންޓަރީ ގުރޫޕުން އަންގާ އެންގުމެކެވެ.
މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ވަނީ ހޯމަ ދުވަހު ހުށަހަޅައިފައެވެ.
ކުރީގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރުމަށް ހުށަހެޅީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. ދެ މެމްބަރުން ވަކިން ހުށަހެޅުއްވި އިސްލާހުތަކުގެ ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ނިމިދިޔަ މަޖިލީސް އިންތިހާބުގައި ދިއްދޫ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި، ނާކާމިޔާބީއާ ކުރިމަތިވެފައިވާ މެމްބަރު ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީސް މެމްބަރުކަން ކޮށްފައިވާ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންގެ އިތުރުން 18 އަހަރުން ދަށުގެ ދަރިންން، މަޖިލީސް މެމްބަރުންގެ ހާއްސަ އިންޝްއަރެންސް ސްކީމުގައި ބައިވެރި ކުރުމަށެވެ.
އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން މަޖިލީސް މެމްބަރުންގެ ހާއްސަ އިންޝްއަރެންސް ސްކީމުގެ ދަށުން ކުރީގެ މެމްބަރުންނަށް އިންޝުއަރެންސް ލިބެ އެވެ. ނަމަވެސް އެ ބޭފުޅުންގެ އާއިލާގެ އިތުރު ބޭފުޅަކަށް އިންޝުއަރެންސެއް މިހާރު އޮންނަ ގޮތުން ނުލިބެ އެވެ.
އޭގެ އިތުރުން މެމްބަރުކަން ކޮށްފައިވާ ބޭފުޅުންގެ ދެމަފިރިކަނބަލުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ ގޮތަށް ވެސް ލަތީފް ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
ނިމިދިޔަ މަޖިލީސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި، ނާކާމިޔާބީއާ ކުރިމަތިވެފައިވާ މެމްބަރު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ބަދަލުކުރަން ހުށަހެޅީ، ކުރީގެ މެމްބަރުންނަށް އެއާޕޯޓް ވީއައިޕީ ސާވިސް ހޯދުމަށެވެ.
މުސްތަފާ ވިދާޅުވީ އެ އިސްލާހަކީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށް ވުމުން، އެ ބޭފުޅުންނަށް އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކު އުޅުމުގެ ފުރުސަތު ދިނުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
ކުރީގެ މެމްބަރުންނަށް މިހާރު ވެސް ބޮޑެތި އިނާޔަތްތަކެއް ލިބޭއިރު، އެ އިނާޔަތްތައް އިތުރު ކުރަން އިސްލާހު ހުށަހަޅާފައިވާއިރު މިހާރު މަޖިލީހުގެ މެމްބަރުގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް މި ފަހަރުގެ އިންތިހާބުގައި ވަނީ ނާކާމިޔާބު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ