ލަންކާގައި ދީނީ މިނިވަންކަން އޮންނަ މިންވަރަށް ޝަހީދު ތައުރީފު އޮއްސާލައިފި

އަވައްޓެރި ސްރީލަންކާއަށް މިހާރު ގޮސް އުޅޭ އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު، އެޤައުމުގައި ދީނީ މިނިވަންކަން އޮންނަ މިންވަރަށް އޮންނަ މިންވަރު ފާހަގަކޮށް އެކަމަށް ތަޢުރީފުކޮށްފިއެވެ.
ލަންކާގެ ނޫސްތަކުގައި މިކަމާއި ގުޅިގެން ބުނެފައިވަނީ، ޝަހީދު އެޤައުމަށް ގޮސްފައި ވަނީ ލަންކާގައި ދީނީ މިނިވަންކަން އޮންނަ މިންވަރު ބެލުމަށް ކަމަށެވެ. މިގޮތުން މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފަށައިގެން އެޤައުމަށް ޒިޔާރަތްކޮށް، އެކި ދީންތަކުގެ މީހުންނާއި ބައްދަލުކޮށް ދީނީ މިނިވަންކަން އޮތް މިންވަރު ބެލުމުގެ މަސައްކަތް ޝަހީދު ކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
މި ދަތުރުގައި ކުރި މަސައްކަތްތަކަށްފަހު ޝަހީދު ބުނެފައިވަނީ، ލަންކާގެ ރައްޔިތުން އެޤައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭޝިއާގެ ބައެއް އެހެން ޤައުމުތަކާއި ޚިލާފަށް އެޤައުމުގައި އެކަށީގެންވާ މިންވަރަށް ދީނީ މިނިވަންކަން ލިބިފައި އޮތްކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެއީ އޭޝިއާގެ ކޮން ޤައުމުތަކެއް ކަމެއް އޭނާ ސީދާ ހާމައެއް ނުކުރެއެވެ.
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލަމުންދާ، ޝަހީދު ވަނީ މި ދަތުރުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެކި ދީންތަކުގެ އިސް ފަރާތްތަކާއި އަދި ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ބައްދަލުކޮށްފައެވެ. އަދި ހަމަ އެހެންމެ، މީގެ ކުރިން 2005 ވަނަ އަހަރު ޒިޔާރަތްކުރި އދ.ގެ ކުރީގެ ރެޕެޓުއާ އޮން ފްރީޑޮމް، އެޤައުމުގައި ދީނީ މިނިވަންކަން ޤާއިމްކުރުމަށް ކުރި މަޝްވަރާތަކާއި އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ އޭނާ ވަނީ ބަލާފައެވެ.
އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައިވާ ޝަހީދު ދާދި ފަހުން ވަނީ، ދިވެހިރާއްޖޭގައި ވެސް ދީނީ މިނިވަންކަން ގާއިމް ކުރަން ޖެހޭކަމަށް ދޭހަވާފަދަ ވާހަކަތައް ދައްކާފައެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުން، ކުށްކުށުގެ އަދަބެއްގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށްވެސް އޭނާ ގޮވާލާފައި ވެއެވެ.
ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އެ ދުވަސްވަރު، އދ. ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭންވެސް އޭނާ ނިންމިއެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އޭނާ ވަނީ ނަޝީދުގެ ސަރުކާރުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ