ތައިލެންޑްގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް އަހުމަދު އަލިމަނިކު އައްޔަންކުރައްވައިފި

ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް މާފަންނު މާކޯނި، އަލްފާޟިލް އަހުމަދު އަލިމަނިކު އައްޔަނު ކުރައްވައިފިއެވެ.
އޮނަރަރީ ކޮންސުލްއަކީ، އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމްކޮށްފައި ނުވާ ޤައުމުތަކުގައި އެޤައުމެއް ތަމްސީލް ކުރުމަށް އެޤައުމެއްގެ ސަރުކާރަކުން ކަނޑައަޅާ ފަރާތެކެވެ.
މިގޮތުން ތައިލެންޑް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް އައްޔަނު ކުރެއްވި، އަލްފާޟިލް އަހުމަދު އަލިމަނިކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބުދުﷲ ޝާހިދެވެ.
ލިޔުން ހަވާލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އަހުމަދު އަލި މަނިކަށް މަރުހަބާ ވިދާޅުވެ، އަދި ކުރިޔަށް އޮތް ތަނުގައި ރާއްޖެއާއި ތައިލެންޑުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
ރޯޔަލް ތައި އޮނަރަރީ ކޮންސިއުލޭޓް ހުންނާނީ މަޖީދީމަގުގައި ހުންނަ، ހެންވޭރު ނަސްރީނުގޭގެ ދެވަަނަ ފަންގި ފިލާގައެވެ. މިއީ މަޝްހޫރު ވިޔަފާރި ކުންފުނި، ފާލިމް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ އޮފީސްވެސް ހުންނަ އިމާރާތެވެ.
ތައިލެންޑް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް އައްޔަނު ކުރެއްވި، އަލްފާޟިލް އަހުމަދު އަލިމަނިކަކީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި ތައުލީމީ ދާއިރާ އާއި ރާއްޖޭގެ އައިޓީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި މުހިއްމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ